01 Mar 2023, 09:27
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި މާފަންނާއި ވިލިމާލެ މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ޒޯނު އަށެއްގެ މެޗުގައި ބައްދަލުކުރީ މާފަންނާއި ހުޅުމާލެއެވެ. އެ މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާފަންނުންނެވެ.
އެ މެޗުގައި މާފަންނުގެ ގޯލުތައް ޖެހީ ހުސައިން ސާހިލް އާއި، މުހައްމަދު ޔަފާއުގެ އިތުރުން ހުސައިން އަފްސަލްއެވެ. މި މެޗުގައި ސާހިލް ހަތަރު ގޯލު ޖެހިއިރު އަފްސަލް ވަނީ ދެ ގޯލު ޖަހައިފައެވެ. ހުޅުމާލެއިން ޖެހި ދެ ގޯލު ވެސް ޖެހީ މުސްތަފާއެވެ.
އެ ޒޯނުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވިލިމާލެއާއި މައްޗަންގޯޅިއެވެ. މި މެޗު 8-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލިމާލެއިންނެވެ. ވިލިމާލޭގެ ގޯލުތައް ޖެހީ އަބްދުﷲ ޝައްފާން (ޝާކަ)އާއި ހަސަން އިބްރާހިމްއާއި، އަލީ ޝިޔާހު (ސިޔަޅޭ)ގެ އިތުރުން އިސްމާއިލް ވަޖީހި (ވައްޖެ)އެވެ. މި މެޗުގައި ޝާކަ އާއި ހަސަން ދެ ގޯލު ޖަހާފައިވާއިރު ވައްޖެ ވަނީ ހެޓްރިކު ހަދައިފައެވެ.
އެ މެޗުގައި މައްޗަންގޯޅީގެ ގޯލުތައް ޖެހީ ހުސައިން ސަވީލްއާއި، އިސްމާއިލް ޒާން އާމިރާއި، ހުސައިން ޝާވިންގެ އިތުރުން ރިލްވާން ވަހީދެވެ.
އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން އަށެއްގައި ހިމެނެނީ މާލެ ސިޓީއަށް ނިސްބަތްވާ ޓީމުތަކެވެ. އެގޮތުން އެ ޒޯނުގައި ހިމެނެނީ މާފަންނާއި، މައްޗަންގޯޅިއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއެވެ.

ވިލިމާލެއާއި މައްޗަން ގޯޅި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
އެ ޒޯނުގެ އެއްވަނައިގައި ވިލިމާލެ އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާފަންނަށް ވެސް ދެ މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ވިލިމާލެެއަށް އެއްވަނަ ލިބެނީ ގޯލު ޖެހި އަދަދު ގިނަވެގެންނެވެ. އެ ޒޯނުގައި ބާކީ އޮތް ދެ ޓީމު ކަމަށްވާ މަންޗަންގޯޅި އާއި ހުޅުމާލެއަށް ލިބިފައިވަނި އެންމެ ޕޮއިންޓެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.