02 Mar 2023, 08:51
ޒަވާޖީ ޙަޔާތެއް ފަށާ ޢާއިލާއެއް ބިނާކުރުމަކީ މިހާރު ދެކޭ އެންމެބޮޑު ހުވަފެންކަމަށް ކާމިޔާބު ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި 34 އަހަރުގެ ބަތަލާ ބުނެފައިވަނީ، ރަނގަޅު ބައިވެރިއަކާ ދިމާވި އަވަހަކަށް އަމިއްލަ ދިރިއުޅުން ހަމަޖެހޭނެކަމުގައެވެ.
އެޢުމުރުގެ އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް ޒަވާޖީ ޙަޔާތެއް ފަށާ ދަރިން ހޯދުމާއެކު ދިރިއުޅުމުގައި އަންނަ އަޑި ގުޑަންތަކާއި އުފާވެރި ވަގުތުތައް ޙިއްސާކުރާނެ ބައިވެރިއަކު ބަތަލާވެސް ބޭނުންކަމުގައެވެ.
މިހާތަނަށް ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވާކަހަލަ މީހަކާ އަދި ދިމާނުވާކަމަށާއި އެމީހަކާއި ދިމާވެ ލޯތްބަށް ހުށަހެޅޭ ހިސާބުން ކައިވެނިކުރާނެކަމަށް ބަތަލާވަނީ ބުނެފައެވެ. މިއަހަރު ފެށުނުއިރު ބޮލީވުޑްގެ ގިނަ ފަރާތްތަކެއްގެ ކައިވެނީގެ ޚަބަރުތައް ނޫސްތަކުގެ ފަލަ ސުރުޙީތަކުންވަނީ ޖާގަ ހޯދާފައެވެ. އޭގެތެރޭގައި، ބަތަލާ އަތިޔާ ޝެޓީގެ ކައިވެންޏާއި، އެކްޓަރު ސިދާތް މަލްހޯތްރާއާއި ބަތަލާ ކިއާރާ އަދްވާނީގެ ކައިވެނި، ބަތަލާ ސްވަރާ ބާސްކަރުގެ ކައިވެނީގެ އިތުރުން އަބީޝެކް ޕަތަކްގެ ކައިވެނި ހިމެނެއެވެ.
ބަތަލާ ޕްރިޔަންކާ ބުނެފައިވަނީ އެކީގައި މަސައްކަތްކުރާ އެކުވެރި ކޯ އެކްޓަރުންނާއި ބަތަލާއިންގެ ކައިވެނީގެ ޚަބަރާއެކު ވަރަށް ބޮޑު އުފަލެއްލިބިގެންދިޔަކަމުގައެވެ. ޚާއްޞަކޮށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިން ޒުވާން ޢުމުރުގައި ޒަވާޖީ ޙަޔާތެއް ފެށުމަށްފަހުވެސް ފިލްމީ ދާއިރާގައި ދެމިތިބުމަކީ އެކަމާ ބަތަލާވެސް ވަރަށް އުފާވާކަމެއްކަމުގައެވެ.
ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ބޮޑު ބޭބެގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ބަތަލާ ޕަރިނީތީއަކީ، މިވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެތެރެއިން ގުނާލުވޭ ބަތަލާއެކެވެ. ޔަޝް ރާޖް ފިލްމްސްއިން 2011ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވުމަށްފަހު ޕަރިނީތީ އަންނަނީ ފަސް އެނބުރި ބެލުމެއްނެތި ސާބިތުކަމާއެކު ފިލްމީ ދާއިރާގައި ކާމިޔާބީތައް ހޯދަމުންނެވެ. ޕަރިނީތީގެ މިފަހުން ރިލީޒްވި ފިލްމުތަކުގެތެރޭގައި، މިދިޔަ އަހަރު ރިލީޒްވި ފިލްމު "ކޯޑް ނޭމް: ތިރަންގާ"، އަދި ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު "އޫންޗާއީ" ހިމެނެއެވެ. ބަތަލާ މިއަހަރު މަސައްކަތްކުރަމުން އަންނަ ފިލްމުތަކުގެތެރޭގައި، "ކެޕްސުލް ގިލް" އަދި "ޗަމްކީލާ" ހިމެނެއެވެ.