17 Apr 2012, 16:08
ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް އުފަންވެވަޑައިގަތީ ފަލަސްތީނުގެ ރަށެއް ކަމަށްވާ ސަފަދު ގައި 1935 ގައެވެ.
އެއަށްފަހު 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔޭ ޔަހޫދީ ދައުލަތެއް އުފައްދުމާއެކު ފަލަސްތީނުގެ އެތަށް ލައްކަ ބަޔަކު ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޢަރަބި ޤައުމުތަކަށް ހިޖްރަކުރިއިރު ޢައްބާސްއާއި އޭނާގެ ޢާއިލާ ހިޖްރަކުރީ ސޫރިޔާއަށެވެ. ސޫރިޔާގައި އިބްތިދާއީ އަދި ސާނަވީ ތައްލީމް ޙާސިލްކުރެއްވުމަށްފަހު ދިމިޝްޤު ޔުނިވަރސިޓީން 1958 ވަނަ އަހަރު ޤާނޫނީ ރޮނގުން ޑިގްރީ ޙާސިލް ކުރެއްވިއެވެ.
ތަޢްލީމީ ޙަޔާތަށްފަހު ޢައްބާސް ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޤަތަރުގެ އެޑިޔުކޭޝަން މިނިސްޓްރީގައެވެ. 1970 ވަނަ އަހަރާ ހަމައަށް ޤަތަރުގައި ޚިދްމަތްކުރެއްވުމަށްފަހު ވަޒީފާ ދޫކޮށްލައްވައި ފަލަސްތީނުގެ މިނިވަންކަމުގެ މަސައްކަތަށް ޢައްބާސް އެނބުރި ވަޑައިގެންނެވިއެވެ. މިގޮތުން ޕީ.އެލް.އޯ. އާއި ފަތްޙު ޖަމާއަތުގައި އިސްދައުރެއް އަދާކުރައްވަން ފެއްޓެވިއެވެ.
އެއަށްފަހު 1982 ވަނަ އަހަރު ޢައްބާސް، ރަޝިޔާގެ ޔުނިވަރސިޓީއެއްގައި ތާރީޚުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާސިލް ކުރެއްވިއެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޕީ.އެލް.އޯ.އިން ހިންގި ހަރަކާތްތަކުގައި ޢައްބާސް މައިގަނޑު ގޮތެއްގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންފައިވަނީ ސުލްހައިގެ ވާހަކަތައް ދެއްކުމުގައާއި ޑިޕްލޮމެޓިކް ދާއިރާގައެވެ.
މިގޮތުން ފަލަސްތީނުގެ ޙައްޤުތަކުގެ މައްސަލަ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ޕީ.އެލް.އޯ.ގެ ބޭރުގެ ގުޅުންތަކުގެ ދާއިރާއިރާގެ ވެރިއެއްގެ ހައިސިއްޔަތުންނާއި ޕީ.އެލް.އޯ.ގެ ސެކްރެޓަރީ ޖެނެރަލެއްގެ ހައިސިއްޔަތުންނާ އަދި އެޖަމާއަތުގެ ތަންފީޒީ ކޮމިޓީގެ މެންބަރެއްގެ ޙައިސިއްޔަތުން 1970 ގެ އަހަރުތަކުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް ޢައްބާސް ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.
1991 ވަނަ އަހަރު މެޑްރިޑްގައި ބޭއްވި ޢަރަބި އިސްރާއީލުގެ ސުލްޙައިގެ ކޮންފަރެންސަށް ތައްޔާރުވަމުގެ ގޮތުން 1990 ވަނަ އަހަރު ހޮލެންޑްގެ ޑިޕްލޮމޭޓުން މެދުވެރިއެއްގެ ބައި އަދާކޮށްގެން ފަލަސްތީނާއި އިސްރާއީލާ ދެމެދު ކުރިޔަށް ގެންދިޔަ ސިއްރު ވާހަކަތަކުގައި ފަލަސްތީނުގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވީ ޢައްބާސް އެވެ. މެޑްރިޑް ކޮންފަރެންސުން ފެށުނު ސުލްހައިގެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން 1993 ގައި ފަލަސްތީނާއި އިސްރާއީލާދެމެދު ސޮއިކުރެވުނު އޮސްލޯ އެއްބަސްވުމުގައިވެސް ފަލަސްތީނުގެ ފަރާތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ޢައްބާސް އެވެ.
ފަލަސްތީނުގެ އިސްލީޑަރެއްގެ ގޮތުގައި ޢައްބާސް ފާޅުވާންފެށީ 2003 ގައި ފަލަސްތީނުގެ ފިދާއީންގެ ކޮމާންޑަރު، ޒާތީ އިދާރާގެ ރައީސް އަދި ޕީ.އެލް.އޯ.ގެ ލީޑަރު ޔާސިރު ޢަރަފާތު ގެންގުޅުއްވި ވަތަނީ ސިޔާސަތުތަކާ ގުޅިގެން ޢަރަފާތާ މުޢާމަލާތް ނުކުރުމަށް އިސްރާއީލަށާއި އެމެރިކާ ނިންމި ހިސާބުންނެވެ. އެއަށްފަހު ސުލްޙައިގެ ކަންތައްތަކުގައި ޢަރަފާތުގެ ބަދަލުގައި އެމެރިކާއާއި އިސްރާއީލާ މުޢާމަލާތް ކުރައްވަމުން ގެންދެވީ ޢައްބާސްއެވެ.
ޢައްބާސްއާމެދު އެދުވަސްވަރު އެމެރިކާއާއި އިސްރާއީލު ދެކެމުންދިޔައީ އޭނާއަކީ އެދެޤައުމު ބޭނުންވާ ގޮތަށް ފަލަސްތީނުގެ ހައްޤުތަކުގެ މައްސަލާގައި ދޫދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ސުލްޙައިގެ ކަންތައްތަކުގައި ޢަރަފާތުގެ ބަދަލުގައި އެމެރިކާއާއި އިސްރާއީލާ މުޢާމަލާތް ކުރުމުގެ ފުރްސަތު ޢައްބާހަށް ދެއްވުމުގެ ގޮތުން ރައީސް ޢަރަފާތު، 2003 ވަނަ އަހަރުގެ މާޗް މަހު ފަލަސްތީނުގެ ޒާތީ އިދާރާގެ ބޮޑުވަޒީރަކަށް ޢައްބާސް ޢައްޔަންކުރެއްވިއެވެ. ނަމަވެސް ބޮޑުވަޒީރު ކަމުގެ ހަޤީޤީ ބާރުތައް ޢަރަފާތު ނުދެއްވާ ކަމަށް ވިދާޅުވެ އެއަހަރުގެ ސެޕްޓެމްބަރ މަހު ބޮޑުވަޒީރު ކަމުގެ މަޤާމުން ޢައްބާސް އިސްތިއުފާ ދެއްވިއެވެ.
2004 ވަނަ އަހަރުގެ ނޮވެމްބަރ މަހު ރައީސް ޔާސިރު ޢަރަފާތު އަވަހާރަވުމުން ޕީ.އެލް.އޯ.ގެ ރައީސް ކަމަށް ޢައްބާސް އިންތިޚާބު ކުރެވުނެވެ. އަދި 2005 ވަނަ އަހަރު ފަލަސްތީނުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 62.52% ވޯޓު ލިބިވަޑައިގެން 4 އަހަރު ރިޔާސީ ދައުރަކަށް ޢައްބާސް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. އެއަށްފަހު 2006 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ޙަމާސް ޖަމާއަތް ކާމިޔާބު ކުރުމާގުޅިގެން ޢައްބާސް ފަލަސްތީނުގެ ސަރުކާރުގެ ބޮޑުވަޒީރަކަށް ހަމާސް ޖަމާއަތުގެ ލީޑަރެއް ކަމަށްވާ އިސްމާޢީލް ހަނިއްޔާ އިޚްތިޔާރުކޮށް އޭނާއާ ވެރިކަމުގެ ބާރުތައް ޙަވާލުކުރެއްވިއެވެ.
ނަމަވެސް ޙަމާސްގެ އިންތިޚާބީ ސަރުކާރު ބަލައިނުގަނެ އެމެރިކާއާއި އިސްރާއީލާއި ޔޫރަޕްގެ ޤައުމުތަކުން އެސަރުކާރަށް ކުރިމަތިކުރި ބޮޑެތި ފިއްތުންތަކާ ގުޅިގެން 2007 ވަނަ އަހަރު ޢައްބާސް، ޙަމާސްގެ އިންތިޚާބީ ސަރުކާރު އުވާލައްވައި އެމެރިކާގެ ތާއީދު ލިބިފައިވާ ބޭފުޅެއް ކަމަށްވާ ސަލާމް ފައްޔާޒު ބޮޑުވަޒީރަކަށް ޢައްޔަން ކުރެއްވިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ވެރިކަމުގެ ބާރުތައް ބައިބައިވެ ފިތްނައާއި ޙަސަދަ އުފެދިގެންދިޔުމުގެ ނަތީޖާއަކަށްވީ ޙަމާސްގެ ފިދާއީ ހަނގުރާމަވެރިން ޣައްޒާ ހިފައި ޢައްބާސްގެ ވެރިކަން ޣާއްޒާގައި ނިމުމަކަށް ގެނަސް އިސްމާޢީލް ހަނިއްޔާގެ ޒަޢާމަތުގައި ޣައްޒާގައި ޙަމާސްގެ ސަރުކާރެއް އެކުލަވާލުމެވެ. މިއަދާ ހަމައަށްވެސް ޣައްޒާގައި ވެރިކަންކުރަނީ ޙަމާސްގެ އިންތިޚާބީ ސަރުކާރުންނެވެ. ނަމަވެސް ޙަމާސްގެ އިންތިޚާބީ ސަރުކާރުގެ ބަދަލުގައި އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން އިޢްތިރާފްވެ މުޢާމަލާތް ކުރަމުން ގެންދަނީ ޢައްބާސް އެކުލަވާލައްވާފައިވާ އިންތިޚާބީ ނޫން ސަރުކާރާއެވެ.
ޢައްބާސްގެ ރިޔާސީ ދައުރު 2009 ވަނަ އަހަރުގެ ޖަނަވަރީ 9 ގައި ވަނީ ނިމުމަކަށް އައިސްފައެވެ. މިއާއެކު އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން އޭނާވަނީ ޢިޢްލާން ކުރައްވާފައެވެ. ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއެކު ރިޔާސީ އިންތިޚާބެއް ބޭއްވޭނެ މާޙައުލެއް ނެތުމުން އެފަދަ މާހައުލެއް ޤާއިމް ކުރެވި އިންތިޚާބެއް ބޭއްވެންދެން ފަލަސްތީނުގެ ވަގުތީ ރައީސެއްގެ ގޮތުގައި ޢައްބާސް ހުންނަވާގޮތަށް ފަލަސްތީނުގެ މުއައްސަސާތަކާއި ޖަމާއަތްތަކުންވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
ޢައްބާސްއާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުގެ ލީޑަރުންވަނީ މިއަހަރު ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބެއް ބޭއްވުމަށްޓަކައި ފަލަސްތީނުގެ ޖަމާޢަތްތައް ބައިވެރިވެގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް 2011 ވަނައަހަރުގެ ފަހުކޮޅު އެއްބަސްވެފައެވެ.
ފަލަސްތީނުގައި އުފެދިފައިވާ ބައިބައިވުންތަކާއި ދާޚިލީ މައްސަލަތައް ޙައްލުވާނީ މިއިންތިޚާބުން ކަމަށް ބެލެވިފައިވީ ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދިމުޤްރާތީ ގޮތުން އިންތިޚާބުކުރާ ސަރުކާރަކީ ޙަމާސްގެ ސަރުކާރަކަށް ވެގެން އެސަރުކާރު ބަލައިގަތުމަށް އަނެއްކާވެސް ހުޅަނގުން ދެކޮޅުހަދައިފިނަމަ ފަލަސްތީނުގެ ބައިބައިވުމަށް ޙައްލު ނާންނާނެ ކަމަށް ވިދާޅުވެ ޢައްބާސްވަނީ ފަލަސްތީނުގެ ޑިމޮކްރަސީއަށް އިޙްތިރާމް ކުރުމަށް އެމެރިކާއަށާއި ޔޫރަޕަށް ގޮވާލައްވާފައެވެ. ޢައްބާސްގެ އަނބިކަނބަލަކާއި 3 ކުދިން ތިއްބަވައެވެ. -- އަލްޖަޒީރާ