19:00


ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް ތަންފީޒީ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނުދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.


މާލެތެރޭގައި ހިނގައިދިޔަ މާރާމާރީތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް، ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމާއި، ގްރޫޕް މާރާމާރީ ހިންގުމާއި، އެނޫންވެސް މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ ބޮޑެތި ކުށްތައް ފާޅުގައި ކުރުން އާއްމުވެފައި ވާތީ އެކަމާ އެކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ މިނިވަންކަމާއި ހައްގުތައް ލިބުމަށް ހުރަސް އެޅި، މުޖްތަމަޢުގައި ބިރުވެރިކަން އުފެދި، ޢާއްމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށް ކަންތައްތައް ގޮސްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.


އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މީހުންމެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް ކޮށްފައިވާ މީހުން މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ތިބުމުގެ ސަބަބުން ތަކުރާރުކޮށް އެފަދަ ކުށްތަކަށް އަރައިގަންނަމުން ދާއިރުވެސް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް ތަންފީޒީ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ޑީޕީއާރުއެސް އިން އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ހޯމް މިނިސްޓްރީގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލަފަ އެވެ.


ޢަދުލްއިންސާފް ޤާއިމް ކުރުމަށް ބޭނުންވާ ޤާނޫނުލް އުޤޫބާތުގެ ބިލާއި، ޖިނާއީ އިޖުރާޢަތުގެ ބިލާއި، ހެއްކާބެހޭ ބިލާއި، ޕެރޯލް ގެ ބިލް، އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާ ތޫނު އެއްޗެތި ގެންގުޅުން މަނާކުރާ ބިލު ފަދަ މުހިއްމު ބިލު ތަކުގެ މަސައްކަތް އަވަހަށް ނިންމާ، ފާސްކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.