01 Mar 2023, 09:30
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި ގަމުން މާމެންދޫ ބަލިކުރިއިރު ވާދޫން ނިލަންދޫގެ މައްޗަށް ކުރި ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ޒޯނު ހައެއްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގއ. މާމެންދޫއާއި ގދ. ވާދޫއެވެ. އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވާދޫއިންނެވެ.
އެ މެޗުގައި ވާދޫގެ ގޯލުތައް ޖެހީ ދެ ގޯލި ޖެހި އަޔާޒު އަހުމަދާއި، އެއް ގޯލު ޖެހި އިބްރާހިމް ޝައުފް އަހުމަދާއި، މުހައްމަދު ނާއިލްއެވެ.
އެ ޒޯނުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލ. ގަމާއި ގއ. ނިލަންދޫއެވެ. މި މެޗު ގަމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ގަމުގެ ގޯލުތައް ޖެހީ އަހުމަދު ހަލީމާއި، އަލީ ޝާމިސްއެވެ. ހަލީމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މީގެ އިތުރުން މާމެންދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ ނަޒީފް ޝަރީފްއެވެ.
އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. އެ ގްރޫޕްގެ ކުޅުން ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލެއް ކުޅެ ޒޯންގެ ޗެމްޕިއަންކަން ހޮވޭނެއެވެ.

ގަމާއި މާމެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
މިދިޔަ ހޯމަ ދުވަހު ވަނީ އެ ޒޯނުގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެފައެވެ. އެގޮތުން އެ ބުރުގައި ގަމާއި ވާދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އަދި މާމެންދޫއާއި ނިލަންދޫ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ މާމެންދޫއިންނެވެ.
އެހެންކަމުން އެ ޒޯނުގެ އެއްވަނައިގައި ވާދޫ އޮތީ ހަތަރު ޕޮއިންޓާއެކު ލިބިފައިވާ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި ގަން ވެސް ހަތަރު ޕޮއިންޓާއެކު އޮތްއިރު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ މާމެންދޫއެވެ. ޒޯނު ބުރުގައި ނިލަންދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ނިލަންދޫ ވަނީ ޒޯނު ބުރުން ކަޓައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.