02 Mar 2023, 08:48
ބަތަލާ އަނަންޔާ ލީޑް ރޯލް ކުޅޭ ޑައިރެކްޓަރު ވިކްރަމް އަދިތްޔާގެ ފިލްމުގެ މަސައްކަތް ނިންމާލައިފިއެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމަކީ، ތްރިލާއެކެވެ. ފިލްމުގެ މަސައްކަތް ނިންމާލިކަން އިޢުލާނުކުރަމުން އަނަންޔާ ފޭނުންނާ ހިއްސާކުރު ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވަނީ ސައިބާ ތްރިލާ މިފިލްމު ބެލުންތެރިންނާ ޙިއްސާކުރުމަށް ކެތްމަދުވެފައިވާކަމުގައެވެ.
މިފިލްމުގައި މަސައްކަތްކުރުމުގެތެރޭގައި ޑައިރެކްޓަރު ވިކްރަމް އަދިތްޔާގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަމަށް ބުނަމުން ބަތަލާވަނީ ޑައިރެކްޓަރަށާއި ފިލްމުގެ ކްރޫއަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި ޑައިރެކްޓަރު އުއްމީދުކުރިވަރަށް ފިލްމުގައި މަސައްކަތްކުރެވުނުކަމަށް އުއްމީދުކުރާކަމަށް އަނަންޔާވަނީ ބުނެފައެވެ. އަނަންޔާގެ މެސެޖަށް ރައްދު ދެމުން ވިކްރަމް އަދިތްޔާ ބުނެފައިވަނީ އަނަންޔާއާ ބައްދަލުވީ މީގެ ތިން މަސްކުރިންކަމަށާއި ބަތަލާގެ ފޭންއަކަށް ޑައިރެކްޓަރު ބަދަލުވެފައިވާކަމުގައެވެ.
ޑައިރެކްޓަރު ވިކްރަމްގެ މަޝްހޫރު ފިލްމުތަކުގެތެރޭގައި، "އުޅާން"،"ލުޓޭރާ"،ބަވޭޝް ޖޯޝީ ސުޕަހީރޯ"، އަދި "އޭކޭ ވާސަސް އޭކޭ" ހިމެނެއެވެ. ވިކްރަމް ބުނެފައިވާގޮތުން މިފަހަރުގެ ފިލްމަކީ މިޒަމާނުގެ ގިނަ މީހުންގެ ދިރިއުޅުމާ ވަރަށް ގުޅުންހުރި ޙާދިސާތަކެއް ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން މިއީ މިހާރުގެ 'ސްކްރީން ލައިފް'ކަމަށްވާ ކޮމްޕިއުޓަރު، މޮބައިލް ފޯން އަދި ޓީވީގެ ދިރިއުޅުމަށް ބަރޯސާވެވިފައިވާ މިންވަރު ވަރަށް ބޮޑަށް ފެނިގެންދާނެ ފިލްމެއްކަމަށް ވިކްރަމްވަނީ ބުނެފައެވެ.
ފިލްމުގެ މަސައްކަތް މިވަގުތު ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައި އޮތްއިރު ފިލްމު ރިލީޒްކުރާނެ ތާރީޚަކާއި ފިލްމުގެ ނަން ވަރަށް އަވަހަށް އިޢުލާނުކުރާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިންވަނީ ބުނެފައެވެ. ބަތަލާ އަނަންޔާ އެންމެ ފަހުން ފެނިގެންދިޔައީ ތެލުގޫ-ހިންދީ ފިލްމު "ލައިގާ"އިންނެވެ. އަނަންޔާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި، "ޑްރީމް ގާލް2" އަދި "ކޯ ގަޔޭ ހަމް ކަހާން" ހިމެނެއެވެ.