އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް ރިޒާ ނިޔާވުމާ ގުޅިގެންނެވެ. ރިޒާ ނިޔާވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލާފައިވާއިރު އީސީން ވަނީ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ގުރައިދޫ އާއި ގުޅި އަދި މާފުށި ހިމެނޭ އެ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 3423 މީހަކަށެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދު ވާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގައެވެ.

އީސީއިން ބުނީ, ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި އެ ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި އެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ،[email protected]އަށެވެ.

ގާނޫނު އަސާސީގައި 79 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ހާލަތެއްގައި އެ ގޮނޑި ހުސްވާ ތާރީޚުން ފަށައިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް އެހެން މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.