ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ފެނިގެންދާ އެމެރިކަން ސައިންސް ފިކްޝަން ޑްރާމާ ސިލްސިލާ "ސިޓަޑެލް"ގެ ފުރަތަމަ ޓީޒާ ފޭނުންނާ ޙިއްސާކޮށްފިއެވެ.

އެމޭޒަން ޕްރައިމްއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ މި ސިލްސިލާގެ ފުރަތަމަ ޓީޒާގައި ޕްރިޔަންކާ ސީރީސްއިން ފެނިގެންދާގޮތްވަނީ ދައްކާލާފައެވެ. ބަތަލާ ޕްރިޔަންކާގެ އިތުރުން މިސީރީސްއިން ފެނިގެންދާނީ މަޝްހޫރު ވެބް ސީރީސް "ގޭމް އޮފް ތްރޯންސް"އިން ފެނިގެންދިޔަ އެކްޓަރު ރިޗަޑް މެޑެންއެވެ. އޭގެއިތުރުން ސްޓޭންލީ ޓަކީ، އޭޝްލީ ކަމިންސްވެސް މިސީރީސްގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު "އެވެންޖާސް، އެންޑް ގޭމް"ގެ ޑައިރެކްޓަރުންކަމަށްވާ އެންތަނީއާއި ޖޯ ރުސޯ ގެނެސްދޭ މިވެބްސީރީސްގެ އޮފިޝަލް ޓްރެއިލާ މިއަދު ރިލީޒްކުރުމަށް ނިންމާފައިވާއިރު ސީރީސް ޕްރިމިއާކުރާނީ އޭޕްރީލް 28ގައެވެ. އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ"އިން ހޮލީވުޑްގެ ގިނަ ބައެއްގެ ސަމާލުކަން ޕްރިޔަންކާ ހޯދާފައިވާއިރު "ސިޓަޑެލް"އަށްވެސް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބޭނެކަމަށް ޕްރޮޑަކްޝަން ޓީމުން ޔަޤީންކުރެއެވެ.

"ސިޓަޑެލް"ގެ އިނގިރޭސި ސީރީސްއެއް ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު މިސީރީސްގެ ހިންދީ ވާޝަންގެ މަސައްކަތްވެސްވަނީ ފަށާފައެވެ. އެކްޓަރު ވަރުން ދަވަންއާއި ބަތަލާ ސަމަންތާ ރޫތް ޕްރަބޫ ލީޑް ރޯލްއިން ފެންނަ އިންޑިއާ ސިލްސިލާ ޑައިރެކްޓްކުރަނީ އެމޭޒަންގެ ކާމިޔާބު ސީރީސް " ދަ ފެމިލީ މޭން" ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ. އިންޑިއާ ވާޝަންގެ އިތުރުން "ސިޓަޑެލް"ގެ ސްޕެއިން، އިޓަލީ އަދި މެކްސިކޯގެ ވާޝަންތަކެއްވެސް އުފެއްދުމަށްވަނީ ނިންމާފައެވެ.

ހޮލީވުޑްގެ ފިލްމުތަކުން ފުރުޞަތު ލިބެމުން އަންނަ ބަތަލާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރެއިން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރުގެ މެއި 12ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ލަވް އެގެއިން"އެވެ. މިފިލްމަކީ، ޖަރުމަނު ފިލްމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ލޯބީގެ ކޮމެޑީ ޑްރާމާއެކެވެ.