ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ޒޯނު ބުރުގައި ހއ. ގެ ޗެމްޕިއަން އުތީމު ކަޓުވާލުމަށްފަހު، ހދ.ގެ ޗެމްޕިއަން ކަމަށްވާ ނައިވާދޫ ޒޯނު ސެމީއަށް ދަތުރުކޮށްފިއެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.

އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނައިވާދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.

މިރޭ ހުޅުމާލެ ރެހެންދި ޓާފުގައި ކުޅުނު ޒޯން އެކެއްގެ ގްރޫޕް އޭގެ މެޗުގައި ބައްދަލުކުރީ ނައިވާދޫއާއި އުތީމެވެ. އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އެ މެޗުގައި ނައިވާދޫގެ ގޯލު ޖެހީ އަބްދުﷲ ވިސާމްއެވެ. އަދި އުތީމުގެ ގޯލު ޖަހައިފައިވަނީ އަހުމަދު އައިހަމްއެވެ.

މެޗުން މޮޅު ނުވެވުނު ކަމުގައި ވީނަމަވެސް ނައިވާދޫ ވަނީ ޒޯނު ސެމީއަށް ދަތުރުކޮށްފައެވެ. ޒޯނު ބުރުގެ ފުރަތަމަ މެޗުގައި ނައިވާދޫން ވަނީ ނޭކުރެންދޫ ބަލިކޮށްފައެވެ. އެހެންކަމުން ނައިވާދޫއަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. އެ ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބިފައިވަނީ ނޭކުރެންދޫއަށެވެ. ނޭކުރެންދޫއަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. އެއް ޕޮއިންޓާއެކު އުތީމު ވަނީ މުބާރާތުން ކަޓައިފައެވެ.

ނާވައިދޫއާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.