01 Mar 2023, 11:29
އަށް ދުވަސް ތެރޭގައި އަށް އަތޮޅު ހުރަސްކޮށް، އީކުއޭޓަރަށް ދިއުމަށް މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ ފެބްރުއަރީ 17ވަނަ ދުވަހު ފެށި ދަތުރު 24ވަނަ ދުވަހު ނިންމައިލުމަށްފަހު އިއްޔެ މާލެ އައިސްފިއެވެ.
ވޯލްޑް ރެކޯޑެއް ގާއިމްކުރުމުގެ ގޮތުން އޭނާ 480 ކިލޯމީޓަރުގެ އެ ދަތުރުކުރީ ޕެޑަލް ބޯޑެއްގައި ފަލި ޖަހައިގެންނެވެ.
ޑެމިއަން ބުނި ގޮތުގައި އޭނާ އެ ދަތުރުގައި ބޭނުންކުރީ ސީދާ އެ ކަމަށް ޚާއްސަކޮށްގެން ތައިލޭންޑުގައި ތައްޔާރުކޮށްގެން ރާއްޖެ ގެނެސްފައިވާ ޕެޑަލް ބޯޑެކެވެ.
ރާއްޖޭގައި ޑެމިއަން ކުރި އެ ކަމަކީ މީގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. އޭނާ އެ ދަތުރު ނިންމާލީ މިދިޔަ ހުކުރު ދުވަހެވެ. ނިންމާލީ ޒީރޯ ޑިގްރީކަމަށްވާ އީކުއޭޓަރަށެވެ.
ޑެމިއަން ބުނި ގޮތުގައި އޭނާއަށް ވަނީ ވޯލްޑް ރެކޯޑް ގާއިމްކުރެވިފައެވެ.
މި ދަތުރާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަމުން ޑެމިއަން ބުނީ މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވި ދަތުރެއް ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި 12 ގަޑިއިރު ޕެޑަލް ބޯޑުމަތީ ކޮޅަށްހުރެ، ފަލިޖެހުމަށް ދަތިތަކެއް ކުރިމަތިވިކަމަށް އޭނާ ބުންޏެވެ. އެގޮތުން ގަދަ ހޫނާއި، ވައި ޖެހޭ ގޮތާއި، ކަނޑުގެ އޮއި ހުންނަ ގޮތުން ވެސް ބައެއް ގޮންޖެހުންތައް ކުރިމަތިވިކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ދަތުރު އޭނާއަށް ނިމި، ވޯލްޑް ރެކޯޑް ގާއިމްކުރެވިދާނެކަމާމެދު ވެސް ބައެއް މީހުން ސުވާލު އުފެއްދި ކަމަށެވެ. އެހެން ނަމަވެސް ކާމިޔާބުކަމާއެކު ދަތުރު ނިންމާލެވުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބުކަމަށް ޑެމިއަން ބުންޏެވެ.
"އަހަރެން މި ދަތުރުގައި އަމިއްލައަށް ވެސް ހާސިލްކުރަން ބޭނުންވީ ތިން ކަމެއް. އެއީ އެންމެ ކަނޑު ގަދަކޮށް އޮތް ޗެނަލް ހުރަސްކުރުމާއި، ގދ. ވާދޫއަށް ގޮސް، އީކުއޭޓަރު ހުރަސްކުރުން. އެ ކަން ކުރެވިއްޖެ. މިއީ އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި ކުރެވުނު ކަމެއް،" ޑެމިއަން ބުންޏެވެ.
އެ ދަތުރުގެ ތެރެއިން އޭނާ އަށް އަތޮޅެއް ހުރަސްކޮށް އަށް ރަށަކަށް މަޑުކުރި އިރު އެއިން ކޮންމެ ރަށަކުން ވެސް ލިބުނު މެހެމާންދާރީއަކީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ ރަށަކުން ވެސް މަރުހަބާ ކިޔުމުގެ ގޮތުން ހަމަ އެ ރަށަކަށް ޚާއްސަ ކަންކަން ކުރި. ކޮންމެ މީހަކު ވެސް ހަމަ ވަރަށް ތަފާތު. އެއީ ތަފާތު ތަޖުރިބާއެއް. މިއީ ރާއްޖޭގެ ރަށްރަށުން މިފަދަ މެެހެމާންދާރީއެއް ލިބުނު ފުރަތަމަ ފަހަރު. ވަރަށް އުފާވޭ،" ޑެމިއަން ބުންޏެވެ.
އޭނާ ބުނީ އަބަދުވެސް އޭނާގެ ޝައުގުވެރިކަން ހުރީ އާދައިގެ ކަންކަން ކުރުމުގެ ބަދަލުގައި އާދަޔާ ޚިލާފު، ތަފާތު ބޮޑު ކަމެއް ކުރުމަށް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ކުރާނީ އެ ކަންކަމަށް އޭނާ ބުންޏެވެ.
ޑެމިއަން އޭނާގެ މި ދަތުރާ ގުޅޭ ގޮތުން ތައްޔާރުކުރާ ޑޮކިއުމަންޓަރީ އަންނަ މޭ މަހުގެ ތެރޭ ރިލީޒް ކުރާނެއެވެ.
ރާއްޖޭގައި 480 ކިލޯމީޓަރުގެ ދަތުރެއް ފަލި ޖަހައިގެން އޭނާ ކުރިއިރު، މީގެ ކުރިން އޭނާވަނީ އޮސްޓްރޭލިއާގައި މިޔަރު ގިނަ ކަނޑުގެ ސަރަހައްދެއްގައި 800 ކިލޯމީޓަރުގެ ދިގު ދަތުރެއް 17 ދުވަހުން ކޮށްފައެވެ.
ޑެމިއަން ރައިޑާއަކީ 15 ވޯލްޑް ރެކޯޑެއް ހާސިލްކޮށްފައިވާ އެކްސްޓްރީމް ސްޕޯޓާއި އެޑްވެންޗާ އެތުލީޓެކެވެ. ފޮތް ލިޔުންތެރިއެއްގެ އިތުރުންނާއި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަަކޮށްލެވޭ މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ވެސް ޑެމިއަންއަކީ މަޝްހޫރު މީހެކެވެ.
އޭނާ އެންމެ ބޮޑަށް ފާހަގަވީ ބައިނަލްއަގްވާމީ ހިއުމަނިޓޭރިއަން މަސައްކަތްތަކުންނާއި ޓެޑް ޓޯކްސް އޭޝިއާ ޕެސިފިކް އަދި ޔުނައިޓެޑް ސްޓޭޓްސްގެ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައެވެ.