ހުޅުމާލޭގެ 17 ބިމެއް، 878 މިލިއަން ރުފިޔާއަށް ސަރުކާރުން ގަނެފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ގަން ބިންތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ސޯޝަލް ހައުސިން ޓަވަރުތައް އަޅަމުންދާ ބިންތަކެކެވެ. މި ބިންތަކުގައި ފްލެޓުތައް އިމާރާތްކުރަނީ އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނެއްގެ ދަށުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުންޏާ (އެންބީސީސީ)އާ ހަވާލުކޮށްގެންނެވެ.

މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން އެޗްޑީސީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ގަޟިއްޔާގައި ވާގޮތުން އެޗްޑީސީގެ ނަންމަތީގައި ހުޅުމާލޭގައި ހުރި 17 ބިމުގެ އަގަށްވާ 878 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ އެޗްޑީސީއަށް ދައްކާފައެވެ. ދައުލަތުން ގަން ބިންތަކުގެ ތެރޭގައި ހިމެނެނީ 15،000 އަކަފޫޓާއި 60،000 އަކަފޫޓުގެ ދެމެދުގެ ގޯތިތަކެވެ.