28 Feb 2023, 17:30
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަކަށް ކަމަށާއި، ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭން ހަމަޖެހިފައިވަނީ 90 ކޯޓާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "ސަން"އަށް ވިދާޅުވީ މިއަހަރު ރަސްމީ ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބިފައިވަނީ 1،000 ކޯޓާ ކަމަށާއި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާއިރު، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީއަކީ 10،000 ރުފިޔާއެވެ.
މީހުން ހައްޖަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެމިނިސްޓްރީން ހުޅުވާލާފައިވާއިރު، ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ހައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައިވެސް މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެގޮތުން އަލްއަދިއްލާ ކޮމްޕެނީއާއި، ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު މިނިސްޓްރީން ސޮއިކުރީ މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ދިވެހި ހައްޖުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.