ސްކޭމް ހިންގާ ފަރާތްތަކުން, އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ދާއިރު އެ ޓްރެންޑްތައް ބަދަލުވާ ގޮތް ބަލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަންނަނީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަމުން ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން 'ސަން' އަށް ބުނީ، ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކުގެ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމަށެވެ. އަދި އެކަމުގައި ބޭންކުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތް ކަމުގެ ޔަގީންކަން ބޭންކުން އެކި ފަހަރުމަތިން ދީފައިވާ ކަމަށެވެ.

ސްކޭމްތަކުގެ ކަންކަން ގިނަވެ، ކަސްޓަމަރުންގެ ފައިސާ ގެއްލުމަކީ ބޭންކުން ހިތާމަކުރާ ކަމެއް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އޭގެ އިތުރުން، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވާ ކަމެއް ނޫންކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ.

އެގޮތުން، ބޭންކިންއާއި ގާނޫނުތަކާއި ގަވައިދުތައް އެންމެ ހަރުދަނާ އެއް ގައުމުކަމަށްވާ ސިންގަޕޫރަށް ބަލާއިރު، މިދިޔަ އަހަރަކީ އެގައުމަށް ރެކޯޑް މިންވަރަށް އެކި ސްކޭމްތަކުގައި ފައިސާ ގެއްލުނު އަހަރެއްކަން ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ. ބޭންކުން ބުނީ މިދިޔަ އަހަރު އެ ގައުމުން 33،000އަށް ވުރެ ގިނަ ސްކޭމް ކޭސްގައި 661 މިލިއަން ސިންގަޕޫރު ޑޮލަރު (7.5 ބިލިއަން ދިވެހި ރުފިޔާ) ގެއްލިފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ފަހުކޮޅުގައި ގިނަވެގެންދިޔައީ އިންޓަނެޓް ބޭންކިން ޔޫޒާނޭމް، ޕާސްވޯޑް އަދި ޖީމެއިލް ކޮމްޕްރޮމައިޒްވެގެން ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލަތަކެއް. މިކަމަށް ބަލާލާއިރުވެސް ކަސްޓަމަރުގެ ޔޫޒާނޭމް، ޕާސްވޯޑް އަދި އީމެއިލްގެ ޕާސްވޯޑަކީ ބޭންކުގެ މުވައްޒަފުންނަށް ވެސް އެނގޭނެ މައުލޫމާތެއް ނޫން،" ބީއެމްއެލްއިން ބުންޏެވެ.

އެއީ ބޭންކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތެއް ނޫން ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ޑިފޯލްޓްކޮށް އޯޓީޕީ ފޮނުވާ ޗެނަލްއެއްގެ ގޮތުގައި އީމެއިލް ހުއްޓާލާއި އޮތެންޓިކޭޓާ އެޕްލިކޭޝަން މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ބޭންކުން ހަމަޖައްސާފައިވާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

އޭގެ އިތުރުން، މި އަހަރުތެރޭ ކިއުއާރު ޕޭމަންޓްތަކާ ގުޅޭ ސްކޭމްތައް އިތުރުވުމާއެކު ކިއުއާރު ޕޭމަންޓްތަކަށް ވެސް ލިމިޓްތަކެއް ކަނޑައަޅާފައިވާކަން އެ ބޭންކުން ފާހަގަކުރެއެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު ލިންކްތަކަށް ފިތައިގެން އިންޓަނެޓް ބޭންކިން ޔޫޒާނޭމްއާއި ޕާސްވޯޑް ކޮމްޕްރޮމައިޒްވާ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ. ހަމައެހެންމެ، ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާ ލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ މައުލޫމާތު ބައެއް މީހުން ޖަހާކަން ވެސް ފާހަގަކުރެވިފައިވާ ކަަމަށް ބީއެމްއެލްއިން ބުންޏެވެ.

"މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލް ވެސް ލިބޭ. ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓާ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި،" ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

ބޭންކުން ބުނީ، ބައެއް ފަހަރު، އީ ސިމް ބޭނުންކޮށްގެން ވެސް އެފަދަ މުއާމަލާތްތައް ކޮށްފައިވާ ކަމަށެވެ. އަދި މައުލޫމާތުތައް ބޭނުންކޮށްގެން އީމެއިލްއަށް އޯޓީޕީ ލިބޭ ގޮތަށް ސެޓިންސް ހެދުމުގެ ސަބަބުން އީމެއިލްއަށް އޯޓީޕީ ލިބި، މުއާމަލާތްކުރުމުގެ ފުރުސަތު އޮންނަ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެހެންކަމުން، އިންޓަނެޓް ބޭންކިންގް ޔޫޒާނޭމް އަދި ޕާސްވޯޑާއި ކާޑުގެ މައުލޫމާތުވެސް ސައްހަ ނޫން ވެބްސައިޓްތަކުގައި ބޭނުން ނުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ. އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުފިތުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުން ކެނޑިނޭޅި، ކަސްޓަމަރުންގެ އެކައުންޓުން ހިންގާ މުއާމަލާތްތަކުގެ އެލާޓް އެސްއެމްއެސް މެދުވެރިކޮށާއި ޕުޝް ނޯޓިފިކޭޝަން މެދުވެރިކޮށް ފޮނުވަމުންދާއިރު، އިންޓަނެޓް ބޭންކިންގް ކޮމްޕްރޮމައިޒްވެފައިވާ ކަމަށް ޝައްކު ކުރެވޭނަމަ ޕާސްވޯޑް ބަދަލުކުރުމަށް އެދޭ ކަމަށެވެ.

ބޭންކް މެދުވެރިކޮށް ކުރާ ވައްކަންތަކާއި ސްކޭމްތައް މިހާރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންނާއި ބޭންކުތަކުން އަބަދުވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.