ހަކުރުގެ ބަދަލު އެއްޗެހީގައި ފޮނި ރަހަ ލައްވަން ބޭނުންކުރާ "ޒީރޯ ކެލޮރީ" ސްވީޓްނަރުން ހާޓް އެޓޭކް އާއި ސްޓްރޯކް ފަދަ ބަލިތަކަށް މަގުފަހިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހަކުރު ބޭނުން ނުކުރާ މީހުންގެ މެދުގައި ޒީރޯ ކެލޮރީ ސްވީޓްނަރަކީ ވަރަށް މަގުބޫލު އެއްޗެކެވެ. އެގޮތުން ސަޔާއި ޖޫސްގެ އިތުރުން އެހެން ބުއިން ތަކަށް ވެސް ހަކުރުގެ ބަދަލުގައި އާޓިފިޝަލް ސްވީޓާ ބޭނުން ކުރުމަކީ މިހާރު މަގުބޫލު ކަމެކެވެ. ނަމަވެސް އެރިތުރައިޓޯލް ހިމެނޭ މި ސްވީޓްނާތަކުގެ ސަބަބުން އިންސާނާއަށް ނުރައްކާ އޮތް ކަމަށް ސައިންސުވެރިން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ކްލީވްލެންޑް ކްލިނިކް ލާނާ ރިސާޗު އިންސްޓިޓިއުޓްގެ ސެންޓާ ފޮ ކާޑިއޯވެސްކިއުލާ ޑައިގްނޯސްޓިކް އެންޑް ޕްރިވެންޝަން ގެ ޑިރެކްޓަރު ޑރ. ސްޓޭންލީ ހޭޒެން ބުނާގޮތުގައި މި ސްވީޓްނަރުން ކުރާ ގެއްލުމަކީ ކުޑަ މިންވަރެއްގެ ގެއްލުމެއް ނޫން ކަމުގައެވެ.

ހިތުގެ މައްސަލައާއި ޑައިބިޓީޒް ފަދަ ބަލިތައް ހުންނަ މީހުން މި ބޭނުން ކުރާ ނަމަ ނުރައްކާތެރި ބައްޔެއް ޖެހުމުގެ ފުރުސަތު ދެ ގުނައަށް އިތުރުވާ ކަމަށް ޑރ. ހޭޒެން ފާހަގަކުރިއެވެ.

ޖާނަލް ނޭޗާ މެޑިސިން އަށް ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި އާޓިފިޝަލް ސްވީޓްނަރުގައި ހުންނަ އެރިތުރައިޓޯލްގެ ސަބަބުން އިންސާނާގެ ލޭ ގަނޑުވުމަށް މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ހާޓް އެޓޭކް ފަދަ ބަލިތައް ކުރިމަތިވާ ކަމަށް އެ ދިރާސާއިން ބުނެއެވެ.

އެހެންވީމާ އެރިތުރައިޓޯލް ހިމެނޭ ސްވީޓްނާ ތައް ބޭނުން ކުރުން މަދުކުރުމަށް ލަފާ ދޭ ކަމަށް އެ ދިރާސާއިން ބުނެއެވެ. ސްވީޓްނާ ބޭނުންކުރާ މީހުންނަށް މާމުތް ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. ނަމަވެސް ކޮންމެ ފަދަ ސްވީޓްނަރެއް ފަދައިން މާމުތް ވެސް ބޭނުން ކުރުމުގައި ވަކި މިނެއް ކަނޑައަޅައިގެން ބޭނުން ކުރުން މުހިއްމެވެ.