އަވަށު ބޯޑުތައް އަވަށު ކައުންސިލްތަކަށް ބަދަލުކޮށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ހުށަހެޅުއްވި މެންބަރު، ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފް ވިދާޅުވީ، އެގޮތަށް އިސްލާހް ހުށަހެޅުއްވީ، އަވަށު ބޯޑުތައް އުފެއްދުމުގެ ބާރު ސިޓީ ކައުންސިލްތަކަށް އޮތުމުން ރަށްރަށުގެ ކަންތައްތަކުގައި އެ ބޯޑުތައް ރައްޔިތުންނަށް ޖަވަބުދާރީ ނުވެވޭތީ ކަމަށެވެ. އަދި ގާނޫނުން ބާރު ލިބިގެން އަވަށު ކައުންސިލްތައް އިންތިހާބު ކުރުމުން އެ ކައުންސިލްތަކުން ރައްޔިތުންގެ ކަންތައްތަކުގެ ޒިންމާ ނަންގަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް ފެނިއްޖެ ހިނދެއްގައި އަވަށް އަވަށުގައި އަވަށު ބޯޑު އެކުލަވާލުމުގެ އިހްތިޔާރުތަކެއް ވަނީ ދެއްވައިފައި. އޭގެ ދަށުން އެބޭފުޅުން އައްޔަން ކުރެއްވި ބޭފުޅުން މިހާރު ތިއްބަވަނީ ރަށްރަށުގެ ކަންތައްތަކުގައި ރައްޔިތުންނަށް ފުރިހަމަށް ޖަވާބުދާރީއެއްނުވޭ. އެބޭފުޅުން ހަމަ އެކަނި ބައްލަވަނީ ސިޓީ ކައުންސިލްގައި ތިއްބަވާ ބޭފުޅުން ވިދާޅުވާކަމެއް. އަޅުގަނޑު ހުށަހަޅާފައި މިވާ އިސްލާހްގައިވާ ގޮތަށް ރަށްރަށަށް އަވަށު ކައުންސިލްތަކެއް ރައްޔިތުން ހޮވާ އިންތިހާބު ކޮށްފި ނަމަ އެބޭފުޅުން ރައްޔިތުންގެ ކަންތައްތަކުގެ ޒިންމާ އުފުއްލަވާނެ. ރައްޔިތުންނަށް ޖަވަބުދާރީވެވަޑައިގަންނަވާނެ. ރައްޔިތުންނަށް ލުއި ފަސޭހަ ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ. އެސަބަބަށް ޓަކައި މި ހުށަހެޅީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހްގައި ބުނަނީ، ސިޓީ ކައުންސިލްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި އަވަށު ކައުންސިލެއް، އަދި އަވަށްތައް ގުޅުވައިގެން އުފައްދާފައިވާ ދާއިރާއެއް ނަމަ ކޮންމެ އަވަށެއް ހިންގުމަށްޓަކައި އަވަށު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އިންތިހާބު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކަމުގައިވާ ތިން އަހަރު ދުވަހުގެ މުއްދަތަށް އަވަށު ކައުންސިލްތަކަށް ވެސް މެންބަރުން އިންތިހާބު ކުރުމަށް ވެސް އެ އިސްލާހްގައި ބުނެފައިވެ އެވެ.

މި އިސްލާހަށް ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންހެން އުސޫލެއްގެ ގޮތުން އެ އިސްލާހަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް އެ ގާނޫނަށް ވަކިވަކި އިސްލާހްތައް ގެނައުމުގެ ބަދަލުގައި މުޅި ގާނޫނު އަލުން މުރާޖައާކުރަން ޖެހިފައިވާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބުދުލް ޣާފޫރު މޫސާ ވިދާޅުވީ، އުސޫލެއްގެ ގޮތުން އެ އިސްލާހަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ހިންގަން ފެށުމުން އިސްލާހްކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މުޅި ގާނޫނު މުރާޖައާކުރަން ޖެހޭކަން. އަވަށު ކައުންސިލްތައް ހަދައި އިހްތިޔާރުތައް ދިނުމަށް ތާއީދު ކުރަން. މި ދަނޑިވަޅުގައި އިތުރު އިސްލާހުތައް ހުށަހެޅުމުގެ ބަދަލުގައި މުޅި ގާނޫނު ގެނެސް މުރާޖައާކުރުމަކީ މުހިއްމުކަމެއް،" ޣަފޫރު ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަކީ ރައްޔިތުންނަށް އެންމެ ބޮޑު ބޭނުމެއް ހިފެމުންދާ ގާނޫނެއް ނޫން ކަމަށެވެ. އަދި އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނީ އަވަސް އަރައިގަނެގެން ވަގުތު ކުޑަތަންވެގެން ކަމަށްވުމުން އެ ގަނޫނުގައި އެތައް މައްސަލަތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، އަވަށު ކައުންސިލްތަކެއް އުފެއްދުމަށް އިސްލާހެއް ހުށަހަޅާއިރު މިހާރުވެސް ގާނޫނުގައި އުފެދިފައިވާ ސުވާލުތަކަށް ބަލަންޖެހޭ ކަމަށެވެ. އަދި އެ ބިލު ކޮމިޓީއަކަށް ގޮސް މަޝްވަރާ ކުރެވޭއިރު، ކައުންސިލްތައް މަސައްކަތް ކުރާނެ ސިސްޓަމެޓިކް ގޮތެއް ސަރުކާރުން ހުށަހަޅަންޖެހޭނެ ކަމަށާއި، ކޮމިޓީން ގޮތެއް ނިންމާނީ އެކަންކަމަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވީ، ވަކިވަކި އިސްލާހްތައް ހުށަހެޅުމަށްވުރެ ލާމަރުކަޒީ ގާނޫނު އެއްކޮށް މަޖިލީހަށް ގެނަސް މުޅި ގާނޫނު މުރާޖައާކުރަންޖެހޭ ކަމަށެވެ.