ދެ މީހަކު ގެއްލުމުން އެ މީހުން ހޯދުމަށް ފުލުހުން ކުރި އަދި ކުރަމުންދާ މަސައްކަތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ފުލުހުން ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އެ ދެ މީހުންގެ ތެރޭގައި ހިމެނެނީ މި މަހުގެ ފުރަތަމަ ދުވަހު އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) އާއި އޭގެ ހަފުތާއެއް ފަހުން މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލްއެވެ. ނަމަވެސް އާސިރު ވަނީ ގެއްލުނުތާ 13 ދުވަސް ފަހުން ފެނިފައެވެ.

އެ ދެ މީހުން ގެއްލުމުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގެ ސަމާލުކަމަށް އެކަން އައުމުން ރިޔާސަތުގެ އިސްނެގުމަށް މައްސަލަ ބެލުމަށް އޮތީ ނިންމާފައެވެ. އަދި އެ ފަހުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވަނީ އެ މައްސަލަ ކޮމެޓީއަށް ހުށަހަޅާފައެވެ.

އެހެންކަމުން ކޮމެޓީން މިއަދު ނިންމީ ދެ ބޭފުޅުން ހުށަހެޅި މައްސަލަ އެއްކޮށްލައިގެން ބެލުމަށެވެ.

އެގޮތުން އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ހޯދާފައިވާނެ ކަމަށް ކޮމެޓީގެ ރިޔާސަތުގައި އިންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ކަރުދާސްތައް ވަނީ ކޮމެޓީ މެންބަރުންނާ ހިއްސާ ކޮށްފައެވެ.

"އަޅުގަނޑުމެން އިއްޔެ އެ މައުލޫމާތުތަކާ ގުޅިގެން މަޝްވަރާކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސް ކޮމެޓީއަށް ގެންނަވައި މައުލޫމާތު ސާފުކުރުމަށް ވަނީ ނިންމާފަ," އަސްލަމް ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ފެނުނު ނަމަވެސް އޭނާ ހޯދުމަށް ކުރި މަސައްކަތާއި ކަން ހިނގާދިޔަ ގޮތް ކޮމެޓީން ސާފުކުރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެ ކޮމެޓީގެ ފަހު ބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އެއީ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި ދެ މީހެއްގެ މަރުގެ މައްސަލައިގައި ކޮމެޓީގައި މަޝްވަރާ ކުރުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫން ހައްޔަރުކޮށްގެން ގެންދިޔަ އެ ރަށަށް ނިސްބަތްވާ އަބްދުﷲ ރަޝީދު، 43، ވަނީ ޖެހިގެން އައި ދުވަހު ކުއްލި ގޮތަކަށް މަރުވެފައެވެ. އަދި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ވަނީ ފުލުހުންގެ ބަންދުގައި ހުރި އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އޭނާ ހުރި ގޮޅީގައި ދަންޖެހެން މަސައްކަތް ކޮށްފައެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެނަށް ލިބިފައިވާ ރިޕޯޓަކީ ސިއްރު ރިޕޯޓެއް އަދި މި މައްސަލައިގައި ހިމެނޭ ބައެއްކަންކަމުގެ ތަހުގީގު ވެސް ކުރިއަށް ގެންދެވޭތީއާ އެކު އަޅުގަނޑުމެންގެ މަޝްވަރާތައް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް," ކޮމެޓީގެ ރިޔާސަތުގައި އިންނެވި ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ކޮމެޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއެވެ. އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. އަދި ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން ވަނީ ކޮމެޓީ ސިއްރު ކުރުމަށް ފާސްކޮށްފައެވެ.