އެތައް ބަޔަކު ބޮޑުވަމުން އައި އިރުގެ އެންމެ ވަރުގަދަ އެއް ހަނދާނަކީ ނޮކިއާ ފޯނެވެ. ނޮކިއާ ފޯނުތަކާއި އެ ބްރޭންޑުގެ ލޯގޯއަކީ އެތައް ޒަމާނެއް ވަންދެއް ގިނަ ބައެއްގެ މެދުގައި ބަދަލުވުމެއް ނެތި ދެމި އޮތް އެއްޗެކެވެ. ނަމަވެސް އެންމެ ފަހުން އެ ކުންފުނިން ވަނީ ބްރޭންޑު ލޯގޯ ބަދަލު ކޮށްފައެވެ.

ނޮކިއާ ބަހުން ތައްޔާރު ކޮށްފައިވާ ލޯގޯ އަކީ އެތައް ޒަމާނެއް ވަންދެއް ބަދަލެއް ނުކޮށް އޮތް އައިކޮނިކް ލޯގޯއެކެވެ. ނަމަވެސް އެންމެފަހުން އެ ކުންފުނިން ލޯގޯ ބަދަލު ކޮށްފައިވާއިރު ކުންފުނީގެ މިސްރާބު މިހާރު ފޯނުތަކަށް ވުރެ ފުޅާ ކުރަން ބޭނުންވެއެވެ.

ނޮކިއާގެ އާ ލޯގޯ އާއެކު ބަހުން ތައްޔާރުކޮށްފައިވާ އެ ޑިޒައިން ވަނީ ޒަމާނީކޮށްލާފައެވެ.

ނޮކިއާގެ ސީއީއޯ ޕެކާ ލަންޑްމާކް ބުނެފައިވާގޮތުގައި އާ ޑިޒައިން އަކީ ކުރީގެ ލޯގޯ އަށް އިހުތިރާމު ކުރުމާއި ޑިޖިޓަލް ރަހައެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ލޯގޯއެކެވެ.

އެންމެފަހުން ލޯގޯ އަށް ގެނައި ބަދަލާއެކު އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. ގިނަ މީހުންނަށް ލޯގޯ ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.

https://twitter.com/flyanupam/status/1630060756757798913?s=20

އަނެއް ބަޔަކު އަންނަނީ އެމީހުންގެ އަމިއްލަ ނޮކިއާ ޑިޒައިންތައް ދައްކަމުންނެވެ. އަދި ނޮކިއާގެ ރަސްމީ ލޯގޯއަށް ވުރެ އެ އަމިއްލަ ލޯގޯތައް ރީތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

https://twitter.com/_Thazy_/status/1630190795192926208?s=20

ނޮކިއާގެ ލޯގޯ ބަދަލުކޮށްފައިވަނީ ކުންފުނީގެ މިސްރާބު ބަދަލު ކުރުމަށެވެ. މޯބައިލް ފޯނު އިންޑަސްޓްރީގައި އެއް އިރެއްގައި ވެރިކަން ކުރަމުން އައި ނޮކިއާ ވެއްޓުނީ ސްމާޓްފޯނުތައް ނިކުންނަން ފެށުމާއެކު ކުންފުނިން ޒަމާނަށް ފިޓު ނުވުމުންނެވެ. އެއާއެކު 2014 ވަނަ އަހަރުގައި ނޮކިއާ ވަނީ މައިކްރޮސޮފްޓަށް ވިއްކާލާފައެވެ. ނަމަވެސް މައިކްރޮސޮފްޓުން ވެސް ނޮކިއާ އަށް ހަދާނެ ގޮތެއް ނޭނގި ތިއްބައި ކުންފުނީއާއެކު އޮތް އެއްބަސްވުން ވަނީ ނިމިފައެވެ.

އެއަށްފަހު ނޮކިއާއިން އަމިއްލަ އަށް ސްމާޓްފޯނު ނެރެން ފެށި ނަމަވެސް އެންމެފަހުން މިހާރު ނޮކިއާ ބޭނުންވަނީ ޓެކްނޮލޮޖީގެ އެހެން ދާއިރާތަކަށް އަލިއަޅުވާށެވެ.