މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރަނިންމޭޓަކާ އެކު، އެހެން ޕާޓީއެއްގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ ވެރިކަމެއް ގާއިމްކުރުމާ މެދު ވިސްނާލަން ރަނގަޅު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ނުސީދާ އިޝާރާތެއް މިއަދު ދެއްވައިފިއެވެ.

މިއަދުގެ މަޖިލީސް ޖަލްސާގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓަކު ވެރިކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އިސްވެ އޮވެ ވާދަކުރަން ލަފާ ދޭން ނިންމައިފައެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި މިއަދުގެ ޖަލްސާގައި އަނދުން ހުސައިން ވިދާޅުވީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން އެ ޕާޓީގެ އާންމު މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމުން ވެސް، އެ ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނަށް ތާއީދު ކުރެއްވުމުގެ ބަދަލުގައި ޖޭޕީގެ ކެންޑިޑޭޓެއް ވެރިކަމަށް ގެނައުން ކަމަށް ނަޝީދު ވިސްނައިދޭން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އެމްޑީޕީގެ މެންބަރުންގެ ވަޒީފާތަކާ އެއްޗެހި ގެއްލުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެއް ގޮތުގައި އެމްޑީޕީގެ ރައީސް ގަބޫލު ކުރައްވާ. ހަމަ ރީތިކޮށް ވަޑައިގެން [ޖޭޕީގެ ކޮންގްރަސްގެ] ކުރީ ސަފުގައި އިންނަވައި އަތް ޖައްސަވަނީ. ހަމަ އެމްޑީޕީ މެންބަރުން ގަބޫލު ކުރަންވީތޯ އެއީ ކަން އެމްޑީޕީ މެންބަރުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ،" އޭނާ ފާޑު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް --- ފޮޓޯ/ މަޖިލިސް

އެކަމަކު، އަނދުން ހުސައިންގެ އެ ތުހުމަތުތަކަށް ނަޝީދު ރައްދެއް ނުދެއްވައެވެ. އޭގެ ބަދަލުގައި އެ ތުހުމަތުތަކަށް އިތުރަށް ހިތްވަރު ލިބޭ ގޮތަށް ވާހަފުޅުކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް އޮތީ މި ސަރުކާރުގެ 40 އިންސައްތަ ހިއްސާ ކަމަށެވެ. އެ އަށްވުރެ ބޮޑު ހިއްސާއެއް ލިބޭ ނަމަ، އެއީ އެމްޑީޕީ މެންބަރުންނަށް މިއަށް ވުރެ ރަނގަޅު ގޮތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެމްޑީޕީއަށް ލިބިފައި އޮތީ ސަރުކާރުގެ 40 ޕަސެންޓު، އެއަށް ވުރެ އިތުރު މިންވަރެއް އެމްޑީޕީއަށް ލިބޭ ގޮތް ވަންޏާ، އެއީ ޕާޓީއަށް ރަނގަޅު ގޮތެއް ކަމަށް ލަފާ ކުރެވިދާނެ." ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/މަޖިލިސް

އެ ވާހަަކަފުޅަށް އިތުރަށް ހިތްވަރު ދެއްވަމުން މިއަދުގެ ޖަލްސާގައި އެ މަނިކުފާނުގެ އެންމެ އަރިސް އެއް މެންބަރު ހަސަން ލަތީފު ވިދާޅުވީ، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ބޭއްވި ޕްރައިމަރީ ނަޝީދު ކާމިޔާބު ކުރައްވައިފައިވަނިކޮށް އެ ޕާޓީގެ ގައުމީ މަޖިލީހަށް، އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް ފެނުމުން، މުޅިން އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓު އަރުވަން ނިންމި ކަމަށެވެ.

"އޭރު ވެސް ބޭނުމަކަށް ވީ އެމްޑީޕީގެ ސަރުކާރެއް އުފެދޭނެ ގޮތެއް ހޯދުން. އެމްޑީޕީ އޮވެ، އުފައްދާ ސަރުކާރެއް އުފެއްދުމުގެ ބޭނުން. ސިޔާސީ ޕާޓީއެއް ވެއްޖިއްޔާ އެއީ ކުރަން ޖެހޭ މަސައްކަތަކީ، ވެރިކަމަށް އައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ،" އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައީސް ޞާލިހް އެންމެ ބޮޑަށް ވިދާޅުވި ވާހަކަފުޅަކީ ކޯލިޝަނެއް އެކުލަވައިލުމުގެ ގާބިލިއްޔަތުކަން އެ މަނިކުފާނުގެ ކިބައިގައި ހުންނެވިކަން ކަމަށާއި އެކަމަކު، އެ ކޯލިޝަން އެކުލަވައިލެވޭތަން ނުފެންނަ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު އެކަނި ވެރިކަމަށް ވަޑައިގަނެވޭނެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"މިހާރު އޮތް ސަރުކާރުގެ 40 ޕަސެންޓް އޮތް އިރު، އެ އަށްވުރެ ރަނގަޅު ޕަސެންޓޭޖަކާ އެކީގައި އެމްޑީޕީއަށް ސަރުކާރަށް އާދެވިފައި، އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް ހިފެއްޓޭ ސަރުކާރެއް އުފެއްދުން އެއީ މާ މުހިއްމު ކަމެއް، އަޅުގަނޑުމެންގެ ނަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މީހަކު ހުރުމަށް ވުރެން،" އޭނާ ވިދާޅުވިއެވެ.

ނަޝީދަށް ތާއީދު ކުރައްވައި މެންބަރުން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ، ސަރުކާރުގައި އެމްޑީޕީގެ ހިއްސާ ކުޑަ ކަމަށް ތުހުމަތު ކޮށެވެ. މިއީ އެ ޕާޓީގެ ސިޔާސަތުތަކާ ދުރު ސަރުކާރެއް ކަމަށް އެ ފެކްޝަނުން ތަކުރާރުކޮށް ތުހުމަތު ކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

"ކިހިނެއްތޯ ވާނީ، އެހެން ޕާޓީއެއްގެ މެންބަރަކު އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާފައި، އެމްޑީޕީގެ ރަނިންމޭޓަކާ އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި، އަޅުގަނޑުމެންގެ ބަސް ބުނެވޭނެ އަޅުގަނޑުމެންނަށް މަޝްވަރާއާއި ލަފާ ދެވޭނެ ކަހަލަ ސަރުކާރެއް އޮވެ، ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބުން،" ހަސަން ލަތީފު ވިދާޅުވިއެވެ.

އެފަދަ އިޝާރާތެއް އޭނާ ދެއްވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާދަކުރެއްވުމަށް ނަޝީދު ގެންދަވަނީ ލޮބީ ކުރައްވަމުންނެވެ.

މި ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރަން ޖެހޭ ކަމަށާއި މިއީ އޭނާ ވެރިކަމަށް އައުމަށް "ރަނުގެ ފުރުސަތެއް" ކަމަށް ވެސް އެ މަނިކުފާނު ވަނީ މީގެ ކުރިން ސިފަ ކުރައްވައިފައެވެ. އަދި، މިދިޔަ ހަފުތާ ބަންދުގައި އޮތް ޖޭޕީގެ ކޮންގްރެސްގައި ގާސިމް ވެސް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، އެ ޕާޓީގެ ހިއްސާ ވެސް އޮތް ސަރުކާރަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ.