28 Feb 2023, 12:25
އެމެރިކާގެ އޮހައިއޯ ސްޓޭޓްގައި މި މަހުގެ ކުރީކޮޅު ނުރައްކާތެރި ކެމިކަލްތައް ހިފައިގެން ދަތުރުކުރަމުން ދިޔަ ރޭލަކުން، ކެމިކަލް ބޭރުވެ ހިނގި ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މަސައްކަތްތެރިންނަށް ކެމިކަލްގެ އަސަރުކޮށްފިއެވެ.
އެންބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮކްޓަރުންނާއި ނަރުހުން ބުނެފައިވަނީ ކެމިކަލްގެ އަސަރު ކުރުމާއެކު ބައެއް މީހުންނަށް ވަނީ ބްރޮންކައިޓިސް އާއި އެހެނިހެން ބަލިތައް ޖެހިފައެވެ.
އޮހައިއޯގެ އަވަސް ފަރުވާދޭ ކްލިނިކް ކުއިކްމެޑް ކޮލަމްބިއާނާގެ ނަރުސް ޕްރެކްޓީޝިއަނެއް ކަމަށްވާ ޑެބޮރާ ވީސް ބުނި ގޮތުގައި ބްރޮންކައިޓިސް ނުވަތަ އެހެން ބަލިތައް ޖެހުމަށް މެދުވެރިވެދާނެ ސަބަބެއްގެ ގޮތުގައި "ނުރައްކާތެރި ކެމިކަލްތަކަށް ހުށަހެޅުން" ހިމެނެއެވެ. އަދި މި ހާދިސާ ހިނގި ސަރަހައްދުގައި އުޅޭ މީހުންނަށް ވެސް ވެފައި މިވަނީ އެހެން ކަމަށް އޭނާ ބުނެއެވެ.
ބްރޮންކައިޓިސް ބަލީގައި ނޭވާލާ ނިޒާމު ދުޅަވެ ގިނަ ފަހަރަށް ކެއްސުމާއި ހޮޑުލެވުން ފަދަ ކަންކަން ކުރިމަތިވެއެވެ.
ސެން ފްރެންސިސްކޯގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ މެޑިސިން ޕްރޮފެސަރު އަދި އެމެރިކަން ލަންގް އެސޯސިއޭޝަންގެ ތަރުޖަމާނު، ޑރ ޖޯން ބަލްމޭސް ވިދާޅުވި ގޮތުގައި އާންމުގޮތެއްގައި މި ބަލި ޖެހެނީ ވައިރަހަކުންނެވެ. އެހެންނަމަވެސް ކެމިކަލް ބްރޮންކައިޓިސް ޖެހެނީ މީހާގެ އެތެރެހައްޓަށް ކެމިކަލްގެ އަސަރު ކުރުމުން ކަމަށް ބަލްމޭސް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެ ބަލީގެ ސީރިއަސްކަން ބޮޑުވާނީ ނޭވާލާއިރު ކެމިކަލްގެ އަސަރު އެތެރެހައްޓަށް ބޮޑަށް ކުރުމުންނާއި ކުރިން ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހެއް ނަމަ ކަމަށެވެ.
މި ބަލި ޖެހޭ ގިނަ މީހުން މަދު ހަފުތާއެއް ތެރޭގައި ނުވަތަ ދެތިން މަސް ދުވަހުގެ ތެރޭގައި ރަނގަޅުވާ ކަމަށާއި ދިގު މުއްދަތަކަށް ބަލީގެ އަސަރު ކުރާނީ ބަލީގެ ރިސްކް ބޮޑު މީހުންނަށް ކަމަށް ބަލްމޭސް ވިދާޅުވިއެވެ.
ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި ނޭވާލުމުގެ މައްސަލަތަކުގެ އިތުރުން ބައެއް އާންމު ރައްޔިތުން ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ރޯގާ ޖެހުން ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
އެ ގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މިހާރު ވަނީ ރައްޔިތުންނާ އިންޓަވިއުކޮށް ސިއްޙީ މައްސަލަތައް ތަހުގީގު ކުރުމަށް އެ ސަރަހައްދަށް ޓީމެއް ފޮނުވާފައެވެ.