ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި އެ އިދާރާ ބޭނުން ކުރައްވައިގެން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތް ހުއްޓައިނުލައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީސް ގަވާއިދަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މަޖިލީހުގެ ބަހުސްގައި ނަޝީދު ބައިވެރިވާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކޮށްފައެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި، ތަޅުމުގައި ހިނގާ ބަހުސްތަކުގައި މަޖިލީހުގެ ރިޔާސަތަށް ބައިވެރިނުވެވޭނެ ކަމަށް އޮންނައިރު، ނަޝީދު ރިޔާސަތުގައި އިންނަވައިގެން ތަކުރާރުކޮށް ބަހުސްތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އެހެންވެ، އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤު --- ފޮޓޯ/ މަޖިލިސް

"މަޖިލީހުގެ ރައީސަށް ބަހުސްގައި ބައިވެރިވެވޭ ގޮތަށް ބަދަލު ކުރުމަކީ ވެސް މައްސަލައެއް ނޫން، އެހެންނަމަވެސް ގަވާއިދުގައި މިހެން އޮވެ، މަޖިލީސްގެ ރައީސް ބަހުސްގައި ބައިވެރިވަމުން ދަންޏާ، އަޅުގަނޑު ދެކޭ ގޮތުގައި އެ ކަން އެ ކުރައްވަނީ އެންމެ ރަނގަޅަކަށް ނޫން." ޝަފީގު ވިދާޅުވިއެވެ.

އެ ތުހުމަތަށް ރައްދުދެއްވަމުން ރިޔާސަތުގައި އިންނަވާ، ނަޝީދު ވިދާޅުވީ އެ މަނިކުފާނު ތަޅުމުގައި ހިނގަމުން ދާ ބަހުސެއްގައި ބައިވެރިނުވާ ކަމަށެވެ. އަދި، "އަނގައިން ބަހެއް ބުނުމަކީ" ބަހުސްގައި ބައިވެރިވުން ކަމަށް ގަބޫލުނުކުރައްވައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގައި ހިނގާ ބަހުސްތަކުގައި މަޖިލީސް ރައީސަށް ބައިވެރިނުވެވުން ނަމަވެސް މަޖިލީސް ހިނގަމުންދާ ގޮތާ މެދު ރިޔާސަތުން ދެކޭ ގޮތް ހާމަކޮށް، ކަންކަމުގައި ލަފާ ދެވޭނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ، އެ މަނިކުފާނު އެއްވެސް ބަހުސެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ.

"ހައްތަހާ ވެސް އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ އަދި ހުރިހާ މެންބަރުންނަށް ވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޔަގީންކޮށް އަރުވަނީ މި މަޖިލީހުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ހޯދައިދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަހަތަށް ނުޖެހި މަސައްކަތް ކުރަމުން ދާނަން." އެ މަނިކުފަނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

ނަޝީދު ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ތެރެއިން ކުރަމުން ގެންދަނީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކަމަށާއި އެ މަނިކުފާނު ހުއްޓައިނުލާ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެހެންވެ، ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތާ އިންތިހާއަށް ރުހިވަޑައިނުގަންނަވާ ބޭފުޅުން ވެސް ތިއްބަވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ޖަވާބުދާރި ކުރުމުގަޔާއި ގާނޫނު ހެދުމުގައި މަޖިލީހުގެ އެކިއެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން މަސައްކަތް ކުރުމުގައި ކުރައްވަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

"[ މަސައްކަތް ކުރާނީ] ސަރުކާރު ޖަވާބުދާރީ ކުރުމުގަޔާއި އަދި ގާނޫނު ހެދުމުގަޔާއި މި ދެ އަސާސީ މަސައްކަތުގައި މަޖިލީހުގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، މަޖިލީހުގެ ގަވާއިދު ތަންދޭ އެކިއެކި ވަސީލަތްތައް ބޭނުން ކޮށްގެން އެ ކަންކަން ކުރުމަށް." އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރިޔާސަތުގައި އިންނަވައި އެ މަނިކުފާނު އާންމު ގޮތެއްގައި އެއްޗެއް ވިދާޅުވަނީ ކަމެއްގައި އޮންނަ ތާރީޚީ ނަޒަރެއް ވިދާޅުވުމަށް ކަމަށެވެ. އެއީ، އެއްގޮތަކަށް ވެސް ބަހުސްގައި ބައިވެރިވުން ކަމަށް ގަބޫލުނުކުރައްވައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.