ފުވައްމުލަކު މާދަޑުގައި ހުންނަ "މަސްޖިދުލް އިނާޔާ" މިސްކިތުގައި ބާއްވަން އުޅުނު ދީނީ ދަރުސު މަޑުޖައްސާލަން އެނގީ ހުއްދަ ނުނަގައި އެފަދަ ދަރުސެއް ބާއްވަން އުޅުމުން ކަމަށް އެ އަވަށު ކައުންސިލުން ބުނެފި އެވެ.

މާދަޑު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 13 ވީ ހުކުރު ދުވަހު ފުވައްމުލަކު މަސްޖިދުލް އިނާޔާގައި ބޭއްވުމަށް ހަމަޖެއްސި ޝައިހް އިދުރީސް ހުސެއިންގެ ދަރުސަކީ ރަސްމީ ސިފައެއްގައި އެކޮމިޝަނަށް އެނގިގެން ހުއްދަ ހޯދައިގެން ބާއްވަން އުޅުނު ދަރުސެއް ނޫން ކަމަށެވެ. އަދި އާއްމު ތަންތަނުގަ އާއި މިސްކިތްތަކުގައި ދަރުސު ދެވޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާއިރާތަކުގެ ހުއްދަ ހޯދައިގެން ކަމަށާއި ފުވައްމުލަކު މާދަނޑު އަވަށުގައި ދަރުސް ދެވޭނީ އެކައުންސިލުން ހުއްދަ ހޯދައިގެން ކަމަށެވެ.

"ޝައިހް އިދުރީސްގެ ދަރުސް މަޑުޖައްސާލަން ކައުންސިލުން އެނގީ ގަވާއިދާ ހިލާފަށް ކައުންސިލަށް އަންގާނުލައި ދަރުސް ބާއްވަން މަސައްކަތް ކުރުމުންނެވެ. އެފަދަ ފިޔަވަޅެއް އަޅަން ޖެހުނީ ކޮންމެ ކޮންމެ މީހަކަށް ހިތުހުރި ގޮތަކަށް މިސްކިތްތަކުގައި ދީނީ ދަރުސްދޭން ހުޅުވާލެވިއްޖެ ނަމަ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ދީނީ އެއްބައިވަންތަ ކަމަށް އަސަރުކުރާނެތީ އެވެ." އެ ނޫސްބަޔާނުގައިވެ އެވެ.

މާދަޑު ކައުންސިލުން ބުނީ އެކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގައި ދީނީ ދަރުސްދެވޭނީ އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައިވާ ދަންނަ ބޭކަލުންނަށް ކަމަށާއި ދަރުސެއް ދޭން ބޭނުންވެގެން އެ ކައުންސިލަށް ހުށަހެޅުމުން އެފަދަ ފަރާތްތަކަށް ހުއްދަދޭނެ ކަމަށެވެ.