މި ސަރުކާރުން ރާއްޖެތެރޭ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ކުރިން އެ ރަށްރަށުގެ އަންހެނުން ކިތަންމެ މީރު ސެންޓެއް ޖެހިޔަސް މީރު ވަހެއް ނުދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވުމުން، އޭނާއަށް ނުރުހުން އަމާޒުވެއްޖެއެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާޝިދު ވަނީ ގަރާރާ ދެކޮޅު ހައްދަވައިފައެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވެނީ ދަރަންޏަށް ފައިސާ ނަގާތީއެވެ.

އޭނާ ވިދާޅުވީ، ލޯނު ނަގައިގެން މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ އާންމު ރައްޔިތުން ފުދުންތެރިވެ، ބޭނުންތައް ފުދިގެން ދިއުން ކަމަށެވެ.

މިގޮތުން، ދަރަންޏަށް ފައިސާ ނަގައިގެން މި ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރަށްފުށުގައި ތިބި "ތި ލޯބި އަންހެން ކުދިންގެ" މޫނު މަތިން ޗާލުކަން ފެންނަން ފެށީ އަދި ކިރިޔާ ކަމަށެވެ.

"އެ ބޭފުޅުން ކިތަންމެ އަގު ބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ ގަޔަކުން މާ މީރު ވަހެއް ނުދުވާ. އެއީ، ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ތާހިރު ސާފު ފެނުން ފެންވަރައިގެން އަޅުގަނޑުމެން މިތިބީ،" ރާޝިދު ވިދާޅުވިއެވެ.

އެ ހިސާބުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، ދިވެހި އަންހެން ބޭފުޅުންނާ މުޚާތަބުކޮށް، ބޭއަދަބީ ބަހެއް ބޭނުން ކުރި ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކޮށްފައެވެ.

އެހެންވެ، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ އެއްވެސް ޖިންސެއްގެ ބޭފުޅަކަށް ކުޑައިމީސް ވާގޮތަށް ވާހަކަ ނުދެއްކުމަށް އަންގައިފައެވެ.

"އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާގޮތަށް ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.