ރާއްޖޭގައި އެންމެ ފަހުން ކޭބަލް ޓީވީގެ ޚިދުމަތް ދޭން ފެށި އެސްއެސްނެޓުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޕެކޭޖްތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްއެސްނެޓްގެ ޚިދުމަތް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ލިބޭނެއެވެ.

އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް މަރިޔާމް ނައުފާ ވިދާޅުވީ ހުރިހާ ކަސްޓަމަރުންްގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ލިންކެއް ދާނެ ކަމަށާއި އެ ލިންކަށް ކްލިކްކޮށްލައިގެން ޕެކޭޖްތައް އިޚްތިޔާރު ކުރެވޭނެ ކަމަށެވެ. އެ އެސްއެމްއެސްގައި އެސްއެސްނެޓްގެ ކަސްޓަމާ ޕޯޓަލް އަށް ވަދެވޭނެ ޔޫއާރްއެލް ލިންކެއް ހިމެނޭނެއެވެ.

އެ ލިންކަށް ފިތާލުމުން ވަދެވޭ ޕޯޓަލްގައި ކަސްޓަމަރުގެ އައިޑީކާޑު ނަންބަރު ޖެހުމުން، އެސްއެސްނެޓްގެ ކަސްޓަމަރެއްނަމަ ރަޖިސްޓަރކޮށްފައިވާ މޯބައިލް ފޯނު ނަންބަރަށް އޯޓީޕީ ނަންބަރެއް ދާނެ. އެ އޯޓީޕީ ޖަހައިގެން ޕޯޓަލް އަށް ވަދެ، ބޭނުންވާ ޕެކޭޖަކާއި ފައިސާ ދައްކަން ބޭނުންވާ މުއްދަތު އިޚްތިޔާރުކުރުމުން، ފައިސާ ދެއްކުމަށް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭއަށް ގެންގޮސްދޭނެ. ފައިސާ ދެއްކުމުން، ފައިސާ ދެއްކިކަމުގެ ރަސީދު ލިބޭނެ. އަދި އެކަން ކަށަވަރުކޮށްދޭ އެސްއެމްއެސް އެއް ވެސް އެ ކަސްޓަމަރަށް ލިބޭނެ. އެހިސާބުން، އިޚްތިޔާރުކުރި އެސްއެސްނެޓްގެ ޕެކޭޖް، އިޚްތިޔާރުކުރި މުއްދަތަށް އެކްޓިވޭޓްވެ، ފައިސާ ދެއްކި ދުވަހުން ފެށިގެން ޚިދުމަތް ލިބެންފަށާނެމަރިޔަމް ނައުފާ، ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް

ނައުފާ ވިދާޅުވީ މާޗް މަހު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނީ ޕެކޭޖެއް އިޚްތިޔާރުކޮށް ފައިސާ ދެއްކުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެސްްއެސްނެޓުން ތައާރަފްކުރާ ޕެކޭޖްތަކުގެ އަގުތައް ހުންނާނީ ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ އެންމެ އަގުހެޔޮ ޕެކޭޖްތަކުގެ ގޮތުގައި ކަމަށެވެ.
އެސްއެސްނެޓްގެ ޕެކޭޖްތައް:
• ލުއިވި – 39 ޗެނަލާއެކު މަހަކު 150 ރުފިޔާ (ޖީއެސްޓީ ނުހިމަނާ)
• ނަލަވި – 108 ޗެނަލާއެކު މަހަކު 350 ރުފިޔާ (ޖީއެސްޓީ ނުހިމަނާ)
• އެކުވި – 120 ޗެނަލާއެކު މަހަކު 450 ރުފިޔާ (ޖީއެސްޓީ ނުހިމަނާ)

"ކުރިއަށް އޮތްތަނުގައި މި ޕެކޭޖްތަކަށް ޗެނަލްތައް އިތުރުވަމުންދާނެ،" ނައުފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޕެކޭޖެއް ނެގޭނެ އެންމެ ކުރު މުއްދަތަކީ އެއް މަސް ދުވަހެވެ. ކުރިއަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެއް އަހަރުގެ މުއްދަތަށް ވެސް ފައިސާ ދެއްކޭނެއެވެ.

އެސްއެމްއެސް ނުލިބޭ އެސްއެސްނެޓްގެ ކަސްޓަމަރުންނަށް ވެސް https://customer.ssnet.mv/ މި ލިންކަށް ވަދެ، ޕެކޭޖް އިޚްތިޔާރުކޮށް ފައިސާ ދެއްކޭނެއެވެ.

އެސްއެސްނެޓްގެ ޚިދުމަތަކީ ޕްރީޕެއިޑް ޚިދުމަތަކަށް ވާތީ މިހާރު އެސްއެސްނެޓާ ގުޅިވަޑައިގެން ތިއްބެވި ކަސްޓަމަރުން ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނީ ވީހާވެސް އަވަހަށް ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ޕެކޭޖް އިޚްތިޔާރު ކުރައްވައި މާޗް މަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ނައުފާ ވިދާޅުވިއެވެ.