ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ތިނެއްގައި ކުޅުނު މެޗުތަކުން ކ. ދިއްފުށިން ޅ. ކުރެންދޫ ބަލިކުރިއިރު، އއ. ބޮޑުފޮޅުދޫ އަތުން ގާފަރު މޮޅުވެއްޖެއެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ތިނެއްގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން ދިއްފުއްޓާއި، އެ އަތޮޅުގެ ރަނަރަޕް ގާފަރާއި، ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫއާއި ރަނަރަޕް ހިންނަވަރުގެ އިތުރުން އއ. އަތޮޅުގެ ޗެމްޕިއަން ބޮޑުފޮޅަދޫއާއި އެ އަތޮޅުގެ ރަނަރަޕް މަތިވެރިއެވެ.

ލީގު އުސޫލުން ކުޅޭ އެ ޒޯނުގެ ފުރަތަމަ މެޗުގައި ދިއްފުށި ވަނީ ކުރެންދޫ ފަސޭހަކަމާއެކު ބަލިކޮށްފައެވެ. އެ މެޗު ދިއްފުށިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދިއްފުށީގެ ގޯލުތައް ޖެހީ އަހުމަދު މާޒިންއާއި ރިލްވާން ރަޝީދުގެ އިތުރުން ޝައިހާން ފާއިޒްއެވެ. މެޗުގައި ޝައިހާން ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި ކުރެންދޫގެ އަބްދުﷲ ވާހިދު އިބްރާހީމްގެ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. ކުރެންދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ އަލީ އިބްރާހީމެވެ.

ޒޯން ތިނެއްގެ ދެވަނަ މެޗު ބޮޑުފޮޅުދޫއާ ވާދަކޮށް ކާމިޔާބުކުރީ ގާފަރުންނެވެ. ގާފަރު އެ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގާފަރުގެ ގޯލުތައް ޖެހީ އަލީ މާއިސްއާއި، ނާއިހް މުފީދާއި، އިބްރާހީމް ރިމާހުއެވެ. ރިމާހު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ބޮޑުފޮޅަދޫ މެޗުގައި ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ރުކްޝާން ޖަމީލް ޖެހި ގޯލެކެވެ. އަދި އަނެއް ގޯލަކީ ގާފަރުގެ ސާމިން މުހައްމަދުގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ބޮޑުފޮޅަދޫއާއި ގާފަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.