ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ހަތެއްގައި ފުވައްމުލަކުގެ ދަނޑިމަގުން ސ. ފޭދޫ ބަލިކޮށް ޒޯނު ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ދަނޑިމަގުން ކާމިޔާބުކުރީ 3-1 ގެ ނަތިޖާއަކުންނެވެ. އެ މެޗުގައި ދަނޑިމަގުގެ މުހައްމަދު ސާދު ނިޒާރު ގޯލެއް ޖެހިއިރު މުހައްމަދު ޔަތޫފް ގާސިމް ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި ސ. ފޭދޫގެ ގޯލު ޖެހީ އިބްރާހީމް މަހުދީއެވެ.

އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހަތެއްގައި ހިމެނެނީ ސ. އަތޮޅުގެ ޗެމްޕިއަން ފޭދޫގެ އިތުރުން ފުވައްމުލަކުގެ ދަނޑިމަގެވެ.

އެ ޒޯނުގުގައި ދެ ޓީމު ހިމެނޭތީ އެ ޒޯނުގެ މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގުގެ ގޮތުގައެވެ. އެ ޒޯނުގެ ދެވަނަ ލެގުގެ މެޗު ކުޅޭނީ ތިނެއް މާޗުގައެވެ.

މިރޭ ވަނީ ޒޯނު ދޭއްގައި ހިމެނޭ އިނގުރައިދޫއާއި އޭދަފުށި ވެސް ކުޅެފައެވެ. އެ މެޗު އިނގުރައިދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އިނގުރައިދޫގެ ގޯލުތައް ޖެހީ އަހުމަދު އައިހަމްއާއި މުހައްމަދު މަމްދޫހެވެ. އައިހަމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ ނައިޝަން މުހައްމަދެވެ.

އިނގުރައިދޫއާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.