28 Feb 2023, 10:28
ރާއްޖޭގައި މިހާރު ކުޅޭ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެއެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ ތިން ސެޓު ދެ ސެޓުންނެވެ.
ރާއްޖޭގެ ސަޕޯޓަރުންގެ އަޑުން ގުގުމާލައިފައިވާ އެ ހޯލުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ސިންގަޕޫރުންނެވެ. އެ ސެޓު ސިންގަޕޫރުން ކާމިޔާބުކުރީ 25-18 ގެ ނަތީޖާއަކުންނެވެ.
ސިންގަޕޫރުން ވަނީ މެޗުގެ ދެވަނަ ސެޓު ވެސް ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ސެޓު ސިންގަޕޫރުން ގެންދިޔައީ 25-22 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް ތިންވަނަ ސެޓުގައި ރާއްޖޭން ވަނީ ކުރީ ދެ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްފައެވެ. ރާއްޖޭގެ ކުޅުން ރަނގަޅުކޮށް 25-19 ގެ ނަތީޖާއަކުން ރާއްޖޭން ވަނީ އެ ސެޓު ގެންގޮސްފައެވެ.
އެ ސެޓު ގެންގޮސް ލިބުނު ހިތްވަރާއެކު ތިންވަނަ ސެޓުގައި ވެސް ރާއްޖޭން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެ ސެޓު 25-19 ގެ ނަތީޖާއަކުން ރާއްޖޭން ކާމިޔާބުކޮށް ވަނީ މެޗުގެ ނަތިޖާ ހަމަހަމަކޮށްފައެވެ.
އެހެންކަމުން ނާތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް އެ ސެޓު 15-11 ގެ ނަތީޖާއަކުން ސިންގަޕޫރުން ވަނީ ކާާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލައިފައެވެ.
ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވި ނަމަވެސް ރާއްޖެއަށް ވަނީ ރިހި މެޑަލް ލިބިފައެވެ. މިއީ އަމިއްލަ ގައުމުގައި ބޭއްވި މުބާރާތަކުން ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.