ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެއާމެދު އިއްޔެ ނެރުނު ބަޔާނަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަރުހަބާ ކިޔައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލަންޑަންގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ސީމެގުން ނިންމާފައިވާ ނިންމުންތަކަށް އެޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި ބުނެފައި ވަނީ ސީމެގުން ހުށައަޅާފައިވާ ގޮތަށް އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލައި ތަހުގީގުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެ ޕާޓީން އެދޭ ކަމަށެވެ.

ކޮމިޝަން އަލުން އެކުލަވައިލުމާ މެދު ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ސަރުކާރުން ގޮތެއް ނިންމަން އެދޭ ކަމަށާއި ބައިނަލްއަގުވާމީ ދުނިޔެއިން އެދެމުންދާ ކަންތައްތަކަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.

" އެމްޑީޕީން އެދެނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. ބައިނަލް އަގުވާމީ ދުނިޔެއިން އެދެމުންދާ ކަންކަން ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކުން އިޚުލާސްތެރިކަމާ އެކީ އަމަލުކުރަމުންދާނެ ކަމަށް މި ޕާޓީން އުއްމީދުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އަދި ބުނަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ބައިނަލް އަގުވާމީ ފަރާތްތަކާ ބީރައްޓެހިކޮށް ވަކިވެގަންނަ ރޫހެއްގައި މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުންނަށް ލިބޭނެ ނިކަމެތި ކަމެއް ކަމުގައި އެޕާޓީން ގަބޫލުކުރާ ކަމަށެވެ.

ކޮމަންވެލްތުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފްބްރުއަރީ ހަތްވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި އެކޮމިޝަނުގެ އެކުލެވުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިއަހަރު ރާއްޖޭގައި އިންތިހާބު ބޭއްވުމަށް ވެސް އެބަޔާނުގައި ގޮވާލާފައި ވެއެވެ.