27 Feb 2023, 20:42
"ފާޅުވަމުންދާ ގިޔާމަތުގެ އަލާމާތްތައް" މި މައުޟޫއަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ އިން ބޮޑު އިލްމީ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އަންނަ ބުދަ ދުވަހުގެ ރޭ 08:30ގައި އޮންނަ މި ބައްދަލުވުމުގައި ވާހަކަ ދައްކާ މި މައުޟޫއަކީ ވަރަށް ޝައުގުވެރި، މިޒަމާނާއި މިއަދުގެ ހާލަތާ ގުޅުން އޮތް މައުޟޫއެއްކަމުގައި ބައެއް މުޙައްލިލުން ދެކިވަޑައިގަންނަވާ ކަމުގައި އައިޔޫއެމްއިން ބުންޏެވެ.
މި ބައްދަލުވުމަށް މައުޟޫއު އިޚުތިޔާރު ކުރީ ގިޔާމަތުގެ ގިނަ އަލާމާތްތަކެއް މިހާރު ފެންނަމުންދާތީ ކަމަށް އެ ޔުނިވާސިޓީގެ ކުއްލިއްޔާގެ ޑީން އަލްއުސްތާޛު މުޙައްމަދު މަންޞޫރު ވިދާޅުވެއެވެ.
އައިޔޫއެމްއިން ބުނީ، މި މައުޟޫއަށް އިލްމީ ގޮތެއްގައި އިންސާފުކުރައްވާ ޕެނަލްގައި ރާއްޖޭގެ ރައްޔިތުންގެ މަގުބޫލުކަން ލިބިފައިވާ ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޤުރުއާނާއި ސުންނަތުގެ އަލީގައި ގިޔާމާތުގެ އަލާމާތްތަކުގެ ވާހަކަ ގެނެސްދޭ އިރު، ސައިންޓިފިކް އެކިއެކި ދިރާސާތަކުގެ އަލީގައި ގިޔާމަތުގެ އަލާމާތްތަކާ ބެހޭގޮތުން މިބައްދަލުވުމުގައި ވާހަކަދައްކާނެ ކަމަށް ވެސް އައިޔޫއެމްއިން ބުނެއެވެ.
އައިޔޫއެމް އިން ބުނީ މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ވީހާ ވެސް ގިނަ މީހުން މިބައްދަލުވުމުގައި ބައިވެރިވެ، ފައިދާހުރި މައުލޫމާތު ލިބިގަތުމަށް އެ ޔުނިވާސިޓީއިން އެދެއެވެ.
ކޮވިޑަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން އަންނަނީ ޒަމާނީ މުހިންމު މައުޟޫއުތަކަށް ޢިލްމީ ބައްދަލުވުން ބާއްވަމުންނެވެ.