ރާއްޖޭގައި މިހާރު ކުޅޭ ފޯ ނޭޝަންސް ކަޕް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ސިންގަޕޫރު ބަލިކޮށް މެލޭޝިއާއިން ތަށި އުފުލާލައިފިއެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭގެ ހޯލުގައި ކުޅުނު އެ މެޗު މެލޭޝިއާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު މެލޭޝިއާއިން ގެންގޮސްފައިވަނީ 25-20 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-23 އިންނެވެ. މެޗުގެ ފަހު ސެޓު މެލޭޝިއާއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ.

މެލޭޝިއާ ފޯ ނޭޝަންސް ކަޕާ ކުރިމަތިލީ ވަރަށް ފޯމުގައި އޮވެއެވެ. އެ ޓީމު އެ މުބާރާތުގެ ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ އަފްގާނިސްތާނު އަތުން އެކަންޏެވެ.

މީގެއިތުރުން ސިންގަޕޫރު ފައިނަލަށް ދަތުރުކޮށްފައިވަނީ އަފްގާނިސްތާނު ކަޓުވާލުމަށްފަހުގައެވެ. ނަމަވެސް ލީގު ބުރުގައި ސިންގަޕޫރު ވަނީ ރާއްޖޭގެ ފިރިހެން ޓީމު އަތުން ބަލިވެފައެވެ.

ރާއްޖޭގައި މިހާރު ކުޅޭ ފޯ ނޭޝަންސް ކަޕް ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މިހާރު ދަނީ ކުޅެމުންނެވެ. އެ މެޗުގައި ކުޅެނީ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމާއި ސިންގަޕޫރުގެ އަންހެން ވޮލީ ބޯޅަ ޓީމެވެ.

ފޯ ނޭޝަންސް ކަޕްއަކީ ރާއްޖެއިން ދައުވަތު ދީގެން، ބައިނަލްއަގުވާމީ ޓީމުތައް ބައިވެރިވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވާދަކުރަނީ މެލޭޝިއާއާއި ސިންގަޕޫރުގެ އިތުރުން އަފްޣާނިސްތާނެވެ.