17 Apr 2012, 14:25
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމަށް އެމްޑީޕީން ނަގަން އުޅޭ ވޯޓް ކާމިޔާބު ވިޔަނުދޭނެ ކަމަށް ޑީއާރުޕީ އިން ބުނެފި އެވެ.
ޑީއާރްޕީގެ ޕާލިމެންޓް ގުރޫޕްގެ ނައިބު ލީޑަރު ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ މައުސޫމް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލިހުގައި އެމްޑީޕީގެ މެޖޯރިޓީ މިހާރު ނެތް ކަމަށާއި އެމްޑީޕީ އިން އިސްވެ އޮވެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގި ނަމަވެސް އެމްޑީޕީ އަށް އެންމެ ގިނަވަގެން ވެސް ލިބޭނީ 32 ވޯޓް ކަމަށެވެ.
"މެންބަރުން ވަރަށް ވިސްނަވާފައި ވޯޓް ދެއްވާނީ. އަޅުގަނޑުމެން ވަރަށް އިތުބާރު އެބައޮތް މެންބަރުން ވަރަށް ވިސްނަވާފައި އެ ވަރުކަމެއް ނީންމާނީ. ނިމިގެން ދާނީ އަބުދުﷲ ޝާހިދުގެ މައްޗަށް އިތުބާރު އޮތްކަމަށް،" މައުސޫމް ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ މަޖިލިހުގައި އެމްޑީޕީ އަށް ޝާހިދު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓު ހަމަވާ ވަރަށް އެ ޕާޓީގައި މެންބަރުން ނެތްކަން އެގި ހުރެ އެފަދަ ކަމެއް އެކުރީ މަޖިލިހުގެ ބައެއް މެންބަރުންނާއި އެމްޑީޕީއާ ގުޅިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ނަމަވެސް އެކަން އެމްޑީޕީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"މިހާހިސާބަށް މިކަން ދިޔައިމާ އެބަ ސުވާލު އުފެދޭ ސީދާ މިއީ އެމްޑީޕީގެ ކަމެއްތޯ؟ އެމްޑީޕީގައި ތިބެނީ 32 މެންބަރުން އެކަން އެގި ހުރެ ބަލިވާނެ ކަން އެގި ހުރެ ލީއެއްޗެއްތޯ ނުވަތަ މަޖިލިސް ތެރޭގައި މަޖިލިސް ރައީސްގެ ބޮލުގައި އެކި އިލްޒާމްތައް އަޅުވައިގެން ވާހަކަ ދައްކަވާ ބޭފުޅުން އެބަތިއްބެވި. މިކަމުގެ ހަގީގަތް އެނގޭނީ ވޯޓްލީމާ،" މައުސޫމް ވިދާޅުވި އެވެ.
ނަމަވެސް މައުސޫމް ވިދާޅުވީ ޝާހިދުގެ އިތުބާރުނެތް މައްސަލާގައި އެމްޑީޕީ ފިޔަވައި ވަކި ޕާޓީއެއް ގުޅިގެން ކުރިކަމެއް ކަމަށް ތުހުމަތު ނުކުރެވޭ ކަމަށާއި ނަމަވެސް މަޖިލިހުގައި އެމްޑީޕީ އަށް ނިސްބަތްނުވާ، ޝާހިދާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރާ ބަޔަކު މަޖިލިހުގައި ތިބިކަމަށެވެ.
ޝާހިދުގެ އިތުބާރުނެތް މައްސަލާގައި ޕީޕީއެމުން އަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅާނީ އެ ޕާޓީގެ ޕާލަމެންޓް ގުރޫޕްގެ ބައްދަލުވުމުން ނިންމާ ގޮތަކަށް ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ ޝާހިދުކަންކަން ކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ މެންބަރުންތަކެއް މަޖިލިހުގައި ތިބިކަން އޭނާ ވެސް ގަބޫލް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އެ މައްސަލާގައި ޕީޕީއެމުން ނިންމާ ގޮތަކަށް އަމަލް ކުރާނީ،" މަހުލޫފް ވިދާޅުވި އެވެ.
ރޭ އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ މެންބަރުން ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވަންދަން ފާސްކުރި މައިގަނޑު އެއްސަބަބަކީ ރައީސްގެ ބަޔާނަށް ރައްދު ދިނުން ފަދަ މުހިންމު މައްސަލައެއްގައި އާންމުކޮށް މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމުގައި އަމަލުކުރެވެމުންދާ ގޮތާއި ބެސްޓް ޕްރެކްޓިސް އަށް ބެލުމެއް ނެތި މަޖިލީހުގެ ވޯޓެއްގައި މެންބަރުންގެ ހިޔާލުހޯދުމެއް ނެތި، މަޖިލީހުގެ ރައީސް އަމިއްލަފުޅަށް އެކަންތައް ނިންމަވާފައި ވާތީ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.