ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މި ދައުރަކީ ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޑިމަކުރަސީ ހަރުދަނާކުރުމަށް މެދުނުކެނޑި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ދައުރެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 52ވަނަ ސެޝަނުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ ތިން ސިޔާސަތެއްގެ މައްޗަށްކަމަށެވެ.

އެއީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ޑިމަކުރަސީއާއި ހެޔޮ ވެރިކަމެއް ކުރިއެރުވުމުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ދުނިޔެއާއެކު މަސައްކަތްކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިއީ މި ކައުންސިލުގައި އަޅުގަނޑުމެންގެ މަސައްކަތް ބައްޓަންކުރާނެ މައިގަނޑު އަސާސް. 2018ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގަތް ހިސާބުން ރާއްޖެއަކީ، އަމިއްލަ ގައުމާއި ބޭރު ދުނިޔޭގައި ވެސް ހެޔޮ ވެރިކަމާއި ޑިމަކުރަސީ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަނީ ޒިންމާދާރުކުރުވުން އިތުރުކުރުމުގެ ގޮތުން ގާނޫނަށް ގެންނަ ބައެއް ބަދަލުތަކާއި، އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިންކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ނިންމުންތައް ނިންމާ މަރުހަލާގައި ޒުވާނުން ބައިވެރިކުރުން މުހިންމުކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހެޔޮ ބަދަލަކަށް ޒުވާނުން ކުރާ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެއީ ގާބިލް ބައެއް. އެއީ މަސައްކަތަށް ފަރުވާތެރި، އިސް ސަފުގައި މަސައްކަތް ކުރެވޭނެ ބައެއް. އެ މީހުންގެ އަޑު އިއްވަން ޖާގަ ދޭންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތަރައްގީގެ މަގުން ކުރިއަރައިދާ އިރު ވެސް އިންސާނީ ހައްގުތައް ހިމާޔާތްކުރުމަށް ވިސްނަންޖެހޭ ކަމަށެވެ. އަދި އެ ކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު ތަރައްގީވަމުން އަންނަ ދުނިޔެއާއެކު އިންސާނީ ހައްގުތަކަކީ ކޮންމެ މީހަކަށް ވެސް ކަށަވަރުވާންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ ގައުމުތަކުން 1948ވަނަ އަހަރު ބައްދަލުވެ އެ ގައުމުތަކުގެ މީހުންގެ ތަފާތު ވިސްނުންތައް ހިއްސާކުރި. އަދި އެ އެންމެން ވެސް އިންސާނިއްޔަތާ ގުޅޭ ގޮތުން ގަބޫލުކުރާ ހަމަތައް ހިއްސާކޮށް އިންސާނިއްޔަތުކަމާ ގުޅޭ ގޮތުން އެއް ކަމަކަށް އެއްބަސްވި. އެއީ ކޮންމެ މީހަކު ވެސް އުފަންވަނީ މިނިވަން، ހަމަހަމަ، އަބުރުވެރި އަދި ހައްގުތައް ލިބިގެންވާ މީހެއްކަމަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ފުރިހަމަ މަގްސަދު ހާސިލްކުރުމަށް ޓަކައި، ކޮންމެ ގައުމަކަށް ވެސް ހަމަހަމަކަމާއެކު އެ ގައުމެއްގެ އަޑު އިއްވުމުގެ ފުރުސަތު ޔަގީންކޮށްދޭން ޖެހޭކަމަށެވެ.

އެގޮތުން ރާއްޖެއަށް މި ކައުންސިލްގެ މެމްބަރުކަމާއި މި ދައުރުގައި އޭޝިއާ ޕެސިފިކް ގްރޫޕުގެ ކައުންސިލްގެ ނައިބު ރައީސްކަމުގެ ގޮނޑި ލިބުމަކީ ވެސް ކުރިއެރުމެއްކަމަށާއި އެ ކަމަށް ޝުކުރުވެރިވާ ކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ.