17 Apr 2012, 13:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގެންފި އެވެ.
މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ހުށަހެޅި އެ މައްސަލަ މިއަދު މެންދުރު މަޖިލީހުގެ އިދާރާ އަށް ބަލައިގެންފައިވާ ކަމަށާއި އެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކުރާނީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި މެންބަރުންގެ ތެރެއިން 15 މެންބަރަކަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފެނިއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ހުށަހެޅިދާނެ އެވެ.
މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމީ މަޖިލީހުގެ ދުސްތޫރީ ބޮޑެތި ބައެއް މައްސަލަތައް ޕާޓީތަކާ މަޝްވަރާ ކުރެއްވުމެއް ނެތި ޝާހިދު އަމިއްލަފުޅަށް ނިންމަވަމުން ގެންދަވާ ކަމުގެ ތުހުމަތުގަ އެވެ. އެގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ މައްސަލަ އާންމު ކޮމިޓީ އިން ދިރާސާ ކުރައްވައި ވަކިގޮތެއް އަންގަވަންދެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާ އަށް އަމަލު ނުކުރުމަށް ޝާހިދު ނިންމަވާފައިވާ ނިންމެވުން ހިމެނޭ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.
ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް ނިންމީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުގެ ބައްދަލުވުމަކަށް ފަހު ރެ އެވެ.