ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގެ ހުރިހާ ބާރެއް، ފިނޭންސް މިނިސްޓަރަށް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ ފާސް ކޮށްފައެވެ. މި ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެމްބަރަކު ވަނީ އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

ފާސްކުރި ބިލުގައި ވާގޮތުން ސޮވަރިން ފަންޑަށް ފައިސާ ޖަމާކޮށް، ފަންޑުން ޚަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސްއެވެ. އަދި އެ ފަންޑު ބެލެހެއްޓުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރާނީ ފިނޭންސް މިނިސްޓްރީންނެވެ.

އެސްޑީއެފްގެ ކަސްޓޯޑިއަލް އެކައުންޓު ގާއިމުކުރަން ޖެހެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައެވެ. މި އެކައުންޓަކީ ދައުލަތުގެ ފައިސާ އިންވެސްޓުކުރުމަށާއި، ދަރަނި އަދާކުރުމަށާއި، އާމްދަނީ އިތުރު ކުރުމަށްޓަކައި ގާއިމްކުރާ އެކައުންޓެކެވެ.

އެސްޑީއެފް ފަންޑާ ގުޅޭ އެއްވެސް މާއްދާއަކަށް ކޮމިޓީ މަރުހަލާގައި އިސްލާހެއް ގެނަސްފައެއް ނުވެއެވެ. ނަމަވެސް އެހެން މާއްދާތަކަށް ކޮމިޓީން ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.

އެގޮތުން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ ކޮމިޓީން ވަނީ އިސްލާހު ކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން ގެރެންޓީ ދެވޭނީ، އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު، އެކަން ރައީސްއަށް ހުށަހެޅުމުން، ރައީސް ހުށަހަޅުއްވާ ގޮތުގެމަތިންނެވެ.

ކޮމިޓީން ބުނީ އެ މާއްދާ އިސްލާހު ކުރުމަށް ނިންމާފައިވަނީ ދައުލަތުގެ ދަރަންޏާ ގެރެންޓީސް މިހާރު 100 ބިލިއަނާ ގާތްކުރާ އަދަދަކަށް ހުރުމުން ކަމަށެވެ. އަދި ދައުލަތުގެ ދަރަނި، ޖީޑީޕީ ނިސްބަތުން 100 އިންސައްތައާ ގާތްކުރާ އަދަދަކަށް ހުރި އިރު، ރާއްޖެ ފަދަ ނާޒުކު އިގްތިޞާދެއް އޮތް ގައުމަކުން ލޯނު ނެގުމަކީ ހެޑް އޮފް ސްޓޭޓް ލެވެލްގައި މުޅި ދައުލަތާއި ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް ނިންމަން ޖެހޭ ނިންމުމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާތީ ކަމަށެވެ.