27 Feb 2023, 13:17
ކުޑަގިރި ޕިކްނިކް އައިލެންޑަށް ދިއުމަށް ދުރާލާ ބުކިން ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި، ފެރީ ފުރާ ވަގުތު ކޮންމެ މީހަކަށް ވެސް އެ ރަށަށް ދެވޭ ގޮތަށް ނިންމައިފިއެވެ.
ކުޑަގިރިއަށް ދަތުރު ދިޔުމަށް ކުރިން އޮންނަނީ މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ބުކް ކޮށްގެންނެވެ. މިހާރު ކޮންމެ މީހަކަށް ވެސް ފެރީ ފުރާ ގަޑީގައި ކުޑަގިރިއަށް ދެވޭނެއެވެ. އެކަމަކު، މިގޮތަށް ހަމަޖެއްސި ނަމަވެސް އެ ރަށުން އަށި ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑްގެ ލޭއައުޓް ފެންނާނެ މެޕެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ކުޑަގިރިއަށް ބަންދު ދުވަސް ނޫން އެހެން ދުވަސްތަކުގައި ދަތުރު ކުރާއިރު ފެރީއަށް ދެކޮޅު ޓިކެޓަށް 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. އެ ރަށަށްދާ 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކުޅަ އެއްބައެވެ.
އެކަމަކު، ދެ އަހަރުން ދަށުގެ ކުޑަކުދިންނާ 65 އަހަރުން މަތީ މީހުންނަށް ކުޑަގިރިއަށް ކުރާ ދަތުރުތައް މުޅިން ހިލޭ ކުރެވޭނެއެވެ. ބިދޭސީންގެ އިތުރުން އެ ރަށަށް ދާ ފަތުރުވެރިންނަށް އަގުތައް ހަމަޖައްސައިފައި ހުންނަނީ ތަފާތު ރޭޓެއްގައެވެ.
ކުޑަގިރީގައި ކައްކައި ކާން ތިބެވޭނެހެން އެކި ބޮޑުމިނުގައި ހިޔާކޮށްފައި ހުންނަ އަށި ހުންނަނީ ހަދައިފައެވެ. ކަރަންޓާއި ފެން ވެސް މި އަށިން ލިބޭނެއެވެ.
ކުޑަގިރި ޕިކްނިކް އަށީގެ އަގުތައް
ކުޑަ އަށި އެކްސްކްލޫސިވް:
މުޅި ދުވަހަށް - 500 ރުފިޔާ
ދުވަހުގެ އެއް ބަޔަށް - 250 ރުފިޔާ
ބޮޑު އަށި އެކްސްކްލޫސިވް:
މުޅި ދުވަހަށް - 1،200 ރުފިޔާ
ދުވަހުގެ އެއް ބަޔަށް - 650 ރުފިޔާ
ބޮޑު އަށި ޝެއާޑް:
މުޅި ދުވަހަށް - 250 ރުފިޔާ
ދުވަހުގެ އެއް ބަޔަށް - 450 ރުފިޔާ
ރަށުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ކުޑަގިރީގެ ޚާއްސަ ސެކިއުރިޓީ ޓީމުންނެވެ. ހަމައެއާއެކު 40 ސީސީޓީވީ ކެމެރާ ރަށުގެ އެކި ހިސާބުތަކުގައި ވަނީ ރަށް މޮނީޓަރުކުރުމަށް ހަރުކޮށްފައެވެ. ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ.
ރަށުގެ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފި ނަމަ ފިޔަވަޅު އަޅާނެއެވެ. ހަމައެއާއެކު ހަމަނުޖެހުމެއް އުފެދޭފަދަ އެއްވެސް ކަމެއް މީހަކު ކޮށްފިނަމަ އެ މީހަކަަށް އަލުން އެ ރަށަށް ދިއުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ. ހަމައެއާއެކު 40 ސީސީޓީވީ ކެމެރާ ރަށުގެ އެކި ހިސާބުތަކުގައި ވަނީ ރަށް މޮނީޓަރުކުރުމަށް ހަރުކޮށްފައެވެ.