17 Apr 2012, 13:23
ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ޗެއާމަން އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ދާދި ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް އައްބާސް އަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް އައްބާސް މަތިންދާބޯޓުން ފައިބާވަޑައިގެންނެވުމުން ރައީސް ޑރ. މުހައްމަދު ވަހީދު އެމަނިކުފާނާ ސަލާމް ކުރެއްވި އެވެ. އެއަށް ފަހު ރައީސް އައްބާސް އަށް ހާއްސަކޮށްފައިވާ ރޮސްޓްރަމްގައި ހުއްޓިވަޑައިގެންނެވުމުން އެމްއެންޑީއެފްގެ ބޭންޑުން ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ.
ދެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނާއެއް އިންސްޕެކްޓް ކޮށްދެއްވުމަށް ފަހު ރައީސް އައްބާސް އާއި ރައީސް ވަހީދު ވަޑައިގެންނެވީ ވީއައިޕީ ލޯންޖަށެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް އައްބާސް ރާއްޖެ ވަޑައިގެންނެވީ ސްރީލަންކާގައި ދެ ދުވަހު ހުންނެވުމަށް ފަހު ގައެވެ. އައްބާސް އެ ގައުމަށް ވަޑައިގެންނެވީ ސްރީލަންކާއަކީ ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށް ކުރާ މަސައްކަތަށް ތާއީދު ކުރާ ގައުމަކަށް ވާތީ އެކަމާ މެދު ސްރީލަންކާ ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށެވެ.
ފަތަހަ ޖަމާއަތުގެ ޓިކެޓްގައި މަހުމޫދު އައްބާސް ފަލަސްތީނުގެ ރައީސް ކަމަށް ވަޑައިގެންނެވީ 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.
ފަލަސްތީނުގެ ސިޔާސީ ދާއިރާ އަށް އައްބާސް ނުކުންނެވީ 2003 ވަނަ އަހަރު އިސްރާއީލާއި އެމެރިކާ އިން ޔާސިރު އަރަފާތާ މުއާމަލާތް ކުރުމާ ދެކޮޅު ހަދައި، ބޮޑުވަޒީރަކު އައްޔަން ކުރުމަށް ފިއްތުންތައް ކުރިމަތި ކުރުމާ ގުޅިގެންނެވެ. ހުޅަނގާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން 19 މާޗް 2003 ގައި އަރަފާތު ވަނީ އައްބާސް ބޮޑުވަޒީރަކަށް ހަމަޖައްސަވައިފަ އެވެ.
އައްބާސް ބޮޑުވަޒީރަކަށް ހަމަޖެއްސެވި ނަމަވެސް މާ ބޮޑު ބާރުތަކެއް އައްބާސްއަށް ނުދެއްވައި ހުންނެވުމުން އަނެއްކާ ވެސް ހުޅަނގާއި އެމެރިކާގެ ފިއްތުންތައް އިތުރުވި އެވެ. އެހިސާބުން އަރަފާތު އައްބާސްއަށް ކޮންމެވެސް ވަރެއްގެ ބާރުތަކެއް ދެއްވި އެވެ. ނަމަވެސް އައްބާސްގެ ބޮޑުވަޒީރު ކަމުގެ ދައުރުގެ ބޮޑުބައެއް ހޭދަކުރެއްވީ ރައީސް އަރަފާތާ ދެމެދު ބާރުތަކުގެ މައްސަލައިގައި ހިނގި ކޯޅުންތަކެއްގެ ތެރޭގަ އެވެ.
އައްބާސްގެ ރައީސް ކަމުގައި ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރާ ހާމާސްޖަމާއަތާއި އައްބާސް ނިސްބަތްވެވަޑައިގަންނަވާ ފަތަހަ ޖަމާއަތާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.