27 Feb 2023, 13:23
ވޮޝިންޓަން (27 ފެބްރުއަރީ 2023): އެމެރިކާގައި އޮންނަނީ މުސްލިމުންނަށް ޖާސޫސުކުރުން ހުއްދަކޮށް އަދި ނަސާރާއިންނާއި ޔަހޫދީންނާއި އެނޫން ދީންތަކުގެ މީހުންނަށް ޖާސޫސުކުރުން މަނާކޮށްފައި ކަމަށް އެގައުމުގެ ނޫހެއްކަމަށްވާ "ކައުންޓާ ޕަންޗް" އިން ބުނެފިއެވެ.
އެނޫސް ބުނާގޮތުން އެމެރިކާގައި އުޅޭ ކޮންމެ މުސްލިމަކީ އޭނާއަށް ފާރައި ޖާސޫސުކުރެވޭ މީހެކެވެ. މިކަންކުރަނީ އެމީހާއަކީ މުސްލިމަކަށްވާތީ ކަމަށާއި މިގޮތަށް ނަސާރާއަކަށް ނޫނީ ޔަހޫދީއަކަށްވާތީ އެމެރިކާގައި އެމީހަކަށް ޖާސޫސު ނުކުރެވޭ ކަމަށް "ކައުންޓާ ޕަންޗް" ނޫހުން ބުނެއެވެ.
މިނޫސް ބުނާގޮތުން އެމެރިކާގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި އިސްލާމީ ޝިއާރުތައް އުފުލާމަރުކަޒުތަކާ އިސްލާމީ ތައުލީމު ދޭ ވަކިމަރުކަޒުތަކަކީވެސް އެތަންތަނާ ދެކޮޅަށް ޖާސޫސޫކުރެވޭ ތަންތަނެވެ. ނަމަވެސް އެމެރިކާގައި އޮންނަ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނާއި އެދީންތަކުގެ ތައުލީމުދޭތަންތަނާއި އެދީންތަކުގެ މީހުން އެއްވާ މަރުކަޒުތަކަކީ ޖާސޫސު ކުރެވޭތަންތަން ނޫންކަމަށް މިނޫސް ބުނެއެވެ.
ނަމަވެސް އެމެރިކާގެ ފެޑްރަލް ފުލުހުންގެ ތަހުގީގުތަކާބެހޭ މައިއިދާރާ (އެފްބީއައި) އިންވަނީ އެމެރިކާގެ ދޮންނަސްލުގެ މީހުންގެ ހަރުކަށި ޖަމާއަތެއްކަމަށްވާ " ފާރައިޓް ވައިޓް ނެޝަނަލިސްޓް މޫމެންޓް" އާ ނަސާރާއިންގެ ދީނީ ޖަމާއަތެއްކަމަށްވާ "ރެޑިކަލް ޓްރެޑިޝަނަލިސްޓް ކެތަލިކްސް" ޖަމާއަތާ ގުޅުން އޮތްތޯ ބެލުމަށް ޚާއްސަ ތަހުގީގެއް ފަށާފައެވެ. "ރެޑިކަލް ޓްރެޑިޝަނަލިސްޓް ކެތަލިކްސް" ޖަމާއަތާ ދެކޮޅަށް އެފްބީއައި އިން ކުރިޔަށްގެންދާކަމަށްވަނީ ޖާސޫސީ ހަރަކާތެއް ނޫނެވެ. ތަހުގީގީ ހަރަކާތެކެވެ.
އެމެރިކާގެ މަޝްހޫރު ނޫސްވެރިއެއްކަމަށްވާ އެރީ ޕައުލް ވިދާޅުވާގޮތުން އެމެރިކާގައި ހަމައެކަނި މުސްލިމުންނަށް ޖާސޫސުކުރުން ހުއްދަކޮށްފައި ނަސާރާއިންނާއި ޔަހޫދީންނަށާއި އެނޫންވެސް ދީންތަކުގެ މީހުންނަށް ޖާސޫސުކުރުން މަނާކުރުމަކީ އެމެރިކާގައި އޮންނަ ދީނީ މިނިވަންކަމާ މުޅިން ފުށުއަރާ ކަމެކެވެ.
މުސްލިމުންނަށް އަމާޒުކޮށް ޖާސޫސީ ހަރަކާތްތައް ހިންގަނީ މުސްލިމުންނަކީ ނުބައި އަދި ނުރައްކާތެރި ބައެއްގެ ގޮތުގައި ދެކިގެން އަދި މުސްލިމުން ނިކަމެތިކުރުމުގެ ބޭނުމުގައި ކަމަށް ޝައްކުކުރައްވައި އެކަމާބެހޭގޮތުން އޭނާވަނީ ސުވާލު ކުރައްވާފައެވެ. އެމެރިކާގެ ކަނާތުފިޔައިގެ ވިސްނުމުގެ ނޫހެއްކަމަށްވާ "ނެޝަނަލް ރިވިއު" ބުނާގޮތުން މުސްލިމުންނަށާ އަދި މުސްލިމުންގެ ދީނީތަންތަނަށާ އަދި މުސްލިމުންގެ ޖަމްއިއްޔާ ޖަމާއަތްތަކަށް ފާރަލުމާއި ޖާސޫސުކުރުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނިޔުޔޯކްގެ ކުރީގެ ގަވަރުނަރު މައިކަލް ބްލޫމްބާގް "ނިޔުޔޯކް ޕޯސްޓް" އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ މުސްލިމުންގެ ކޮންމެ ހަރަކާތަކަކީވެސް ފާރަލައި ޖާސޫސުކުރަންޖެހޭ ހަރަކާތެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މުސްލިމުންނަށް ޖާސޫސުކުރުމަކީ އެމެރިކާއަށް ލިބޭ ގައުމީ ފަޚުރެއް ކަމަށްވެސް މައިކަލް ބްލޫމްބާގް ވިދާޅުވެފައިވެއެވެ.