ނައިފަރުގެ ފެނާ ނަރުދަމާގެ ނިޒާމް އޮޕަރޭޓް ކުރަން ފެނަކައާ ހަވާލު ކުރީ އެ މަޝްރޫއުގެ މަސައްކަތް ފުރިހަމަ ނުކޮށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މެމްބަރު ވަނީ އެކަމާ ގުޅިގެން ގަރާރެއް ހުށަހަޅުއްވާފައެވެ. ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އެ ގަރާރުގައި ބުނީ އެ ރަށުގެ ފެނާ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް، އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ އެލްއީ ޓްރިވެނީ ޖޭވީ އާއެކު ވެފައިވާ އެއްބަސްވުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، މި ސަރުކާރުން އުވާލާފައިވާ ކަމަށެވެ.

އެއާއެކު މަޝްރޫއުގެ މަސައްކަތް ހުއްޓި، ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އެތައް ދުވަހެއް، މަޝްރޫއުގެ މަސައްކަތް ދިގުލައިގެން ދިޔަ ކަމަށް ގަރާރުގައި ވެއެވެ. އަދި އޭގެ އެތައް ދުވަހެއް ފަހުން އެމްޑަބްލިއުއެސްސީ އާ ހަވާލު ކޮށްގެން، އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށް ވެސް ގަރާރުގައި ވެއެވެ.

ނަމަވެސް އެ ނިޒާމް އޮޕަރޭޓް ކުރުމަށް ފެނަކައާ ހަވާލު ކޮށްފައިވަނީ އެ މަޝްރޫއުގެ މަސައްކަތް ފުރިހަމަ ނުކޮށް ކަން މެމްބަރު ފާހަގަ ކޮށްފައިވެއެވެ. ގަރާރުގައި ބުނީ އޭގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ޚިދުމަތުގެ ފުރިހަމަ ބޭނުން ނުހިފޭ ކަމަށެވެ. އަދި 6000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް ފުރިހަމަ ނުވާ ނިޒާމަކުން ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ކަން ފެނަކައިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.

އެގޮތުން އާރްއޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުރުމާއެކު އެ ފެނަކީ ރައްކާތެރި ފެނަށް ނުވާނެ ކަން ފާހަގަ ކޮށް ގަރާރުގައި ބުނީ އޭގެ ސަބަބުން ސިއްހީ ގޮތުން ވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އާރްއޯ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ފުރިހަމަވެފައި ނެތް ކަމަށް ވެސް ގަރާރުގައި ވެއެވެ.

ހަމައެހެންމެ، އެ ޕްލާންޓުގެ މެއިންޓެނެންސްއަށް ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެ، ޕްލާންޓުން ފެން ލީކުވެ، ދަބަރުޖަހާފައި ވާކަމަށް ވެސް ގަރާރުގައި ވެއެވެ. ގަރާރުގައި ބުނީ އެ ޕްލާންޓުން ފެން ދޫކުރުމަށް ގާއިމް ކުރެވިފައިވާ ޕަމްޕް ސްޓޭޝަން ސާވިސް ނުކުރެވި، ކްލޮރިން ހުސްވުންފަދަ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި ފެން ގުޅައި ދިނުމަށް އެދިފައިވާ ގޭބިސީތަކަށް ފެން ގުޅައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ވެސް ނެތް ކަން ގަރާރުގައި ފާހަކަ ކޮށްފައިވެއެވެ.

ގަރާރުގައި ބުނީ، ނަރުދަމާ ނިޒާމުގެ ނެޓްވޯކް ނޭޅޭ ސަރަހައްދުތައް ހުރުމާއި މަގުމައްޗަށް ނަޖިސް ބޭރުވެ، ވަސްދުމާ، ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ނަރުދަމާގެ ބައެއް ސްޓާޓިން ލައިން، ގޭބިސީތަކުގެ ލައިނަށްވުރެ ތިލަވުމުގެ ސަބަބުން ގޭބިސީގެ ކަނެކްޝަން ނުހެދުމުގެ މައްސަލަ ވެސް ދިމާވަމުންދާ ކަން ގަރާރުގައި ފާހަގަކުރެއެވެ. ހަމައެހެންމެ، ނަރުދަމާ ނުގުޅި ހުރީ ކިތައް ގެޔަށް ކަން ލިޔެކިޔުމުން ވެސް މިހާތަނަށް ސާފުވެފައިނުވާ ކަމަށް ގަރާރުގައި ވެއެވެ.

މެމްބަރު ވިދާޅުވީ އެމްޑިޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް، އެ މަސައްކަތް ނުނިންމާ އޮޕަރޭޓަރާ ހަވާލު ކޮށްފައިވަނީ ސިޔާސީ މަގްޞަދެއް ހާސިލް ކުރުމަށް ކަމަށެވެ.