17 Apr 2012, 13:17
އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަނުން ހަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ ހަރަދު ކުރިގޮތުގެ ތަފްސީލެއް އޮޑިޓާ ޖެނަރަލްގެ އޮފީހަށް ހާމަކޮށްފައި ނެތުމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުނާ މެދު ފިޔަވަޅު އެޅުމަށް މާލިއްޔަތު ކޮމެޓީގައި މިއަދު މަޝްވަރާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ މެދު މަޝްވަރާ ކުރައްވަމުން މާލިއްޔަތު ކޮމެޓިގެ މެންބަރުން ފެންމަތި ކުރި އެންމެ ބޮޑު މައްސަލައަކީ 2007 ވަނަ އަހަރުން ފެށިގެން 2010 އަހަރާ ހަމައަށް ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ފޮނުވާފައިވާ 54197574ރ. ގެ ތެރެ އިން 15000000ރ. ހަރަދު ކުރި ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށެވެ. އަދި އެ ފައިސާ ހަރަދު ކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް އިލެކްޝަންސް ކޮމިޝަންގައި ނެތް ކަމަށް އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ފައިސާއަކީ އިންތިހާބުތަކަށް އަތޮޅު އޮފީސްތަކަށް ދޫކުރި ފައިސާތަކެއް ކަމަށާއި އަތޮޅު އޮފީސްތަކުގައި އެތައް ފަހަރެއްގެ މަތިން އެދިގެން ވެސް އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް ކޮމިޝަނަށް ފޮނުވާފައި ނުވާ ކަމަށެވެ.
އެ މައްސަލާގައި މަޝްވަރާ ކުރައްވަމުން ކޮމެޓީގެ މެންބަރުން ބުނެފައި ވަނީ ދައުލަތުގެ މާލިއްޔާ އިން ހަރަދު ކުރި ފައިސާއެއް ވީނުވީއެއް ނޭނގޭ ނަމަ ކޮމިޝަންގެ މެންބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އެމްޑިޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އިހްމާލެއްވާ ނަމަ ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ހުށަހެޅުމަށް ހަމްޒާ އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން މިތިބީ [ކުރީގެ] އޮޑިޓާ ޖެނަރަލް ކްރެޑިޓް ކާޑަކާ ހުރެ މަގާމުން ވަކިކޮށްފައި. އެހެންވީމަ މި ކޮމެޓީން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އެ ކުރެއްވި ކަންތައްތަކާ މެދު ސީރިއަސްކޮށް ފިޔަވަޅު ނާޅައިފި ނަމަ އެއީ މާލިއްޔަތު ކޮމެޓީން 'ވައްކަން' ކުރުމަށް ފުރުސަތު ދިނުން،" ހަމްޒާ ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ކޮމިޝަންގެ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށްޓަކާ މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވަން ޖެހޭނެ ކަމަށެވެ.
މާލިއްޔަތު ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުންނަށް ފަސް އައިޕެޑް ގަތް މައްސަލާގައި ވެސް ފިޔަވަޅު އެޅުމަށް މާލިއްޔަތު ކޮމެޓީގައި މިއަދު މަޝްވަރާކޮށްފައިވެ އެވެ. އަދި އައިޕެޑް ގަތުމަށް އިލެކްޝަސް ކޮމިޝަންގެ ބަޖެޓުން ފައިސާ ހަރަދު ނުކުރުމަށް އޮޑިޓާ ޖެނަރަލް ލަފާދެއްވާފައި ވަނިކޮށް މާލިއްޔަތު ގާނޫނާ ހިލާފަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ އިން ހަރަދުކޮށްފައި ވާތީ އެއީ އެނގިތިބެ ހިންގި "ބޮޑު ވައްކަމެއް" ކަމަށް މެންބަރުން ތުހުމަތު ކުރައްވާފައިވެ އެވެ.