27 Feb 2023, 01:26
މާލެ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރުމަށް މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާވިސް ކޮމިޓީން ނިންމައިފިއެވެ.
އެ ކައުންސިލުން އެފަދައިން ނިންމާފައި ވަނީ މުނިސިޕަލް ސާވިސަސް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުގައެވެ.
މާލެ އާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްތިޔާ ފީ ބޮޑުކުރުމަށް ނިންމާފައި ވީނަމަވެސް މާލޭ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ ފީ އާއި މާލެއާއި ވިލިމާލޭ ފަޅުން ދޫކުރާ ފައްތިޔާ އަދި ފަޅު ހުއްދަ ފީ ކުޑަކުރަން ނިންމާފައިވެއެވެ. އަދި ފީތަކަށް ގެނެވުނު ބަދަލާއިއެކު ގެޒެޓް ކުރެވިފައިވާ އިޢުލާނުގައިވާ އަގު ލިސްޓަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
އެގޮތުން މާލޭ ހުޅަނގު ބަނދަރު ދާއިމީ ފަޅުހުއްދަ ފީގެ ގޮތުގައި މިއަދާ ހަމައަށް ނަގަމުން އައީ އަމިއްލަ އުޅަނދުތަކުން ކޮންމެ މީޓަރަކަށް ތިން ރުފިޔާ އަދި ކުންފުނިތަކުގެ އުޅަނދެއް ނަމަ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ފަސް ރުފިޔާއެވެ. އެ ދެ ކެޓަގަރީން ދެ ރުފިޔާ ވަނީ ހެޔޮކޮށްފައެވެ.
ބޯޑަށް ގެނެވުނު ބަދަލުގެ ތެރޭގައި މަގު ބަންދުނުކޮށް މަސައްކަތް ކުރުމުގެ ހުއްދަ 24 ގަޑިއިރަށް 100 ރުފިޔާ ދައްކަން ޖެހޭއިރު، ބޯޑު ހަވާލުކުރަންޖެހޭ މުއްދަތު ހަމަވުމަށްފަހު އިތުރުވާ ކޮންމެ ދުވަހަކަށް 150 ރުފިޔާ ދައްކަން ޖެހެއެވެ. މަގު ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 6 ގަޑިއިރަށް 250 ރުފިޔާ، އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 6 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 100 ރުފިޔާ ނެގުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ހަމައެހެންމެ، އިޖުތިމާއީ ގޮތުންކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 6 ގަޑިއިރަށް 150 ރުފިޔާ ނަގަން ނިންމާފަވާއިރު އިޖުތިމާއީ ގޮތުންކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 6 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 75 ރުފިޔާ ނަގަން ވަނީ ކަނޑައަޅާފައެވެ.
އެެނިހެން ގޮތްގޮތުން ކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 2 ގަޑިއިރަށް 100 ރުފިޔާ ނަގާއިރު އެެނިހެން ގޮތްގޮތުންކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 2 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 50 ރުފިޔާ ނެގުމަށް ކޮމެޓީން ފާސްކޮށްފައިވެއެވެ. މި ބަދަލު ގެނައުމުގެ ކުރިން މަގު ބަންދުކުރުމަށް ބަހައްޓާ ބޯޑުގެ އަގު 150 ރުފިޔާ އިން 300 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.