27 Feb 2023, 10:01
އެކްޓަރު އާމިރް ޚާންއާއި ކުރީގެ އަންހެނުން ކިރަން ރާއޯގެ ފިލްމު "ލާޕަތާ ލޭޑީސް" ރިލީޒްކުރާނެ ވަކި ތާރީޚެއް ނެތި ފަސްކޮށްފިއެވެ. "ދޯބީ ގާތް" ކިޔާ ފިލްމަކުން 2011ވަނަ އަހަރު ފިލްމު ޑައިރެކްޝަނަތް ނުކުތް ކިރަންގެ ފިލްމެއް ރިލީޒްކުރުމަށް ނިންމާފައިމިވަނީ އޭގެ 12 އަހަރު ފަހުންނެވެ. މިފިލްމުގެ ޚާއްޞަ ޓީޒާއެއް އާމިރް ޚާންގެ ފިލްމު "ލާލް ސިންގް ޗައްދާ"އިންވެސް ބެލުންތެރިންނަށްވަނީ ފެނިގެންގޮސްފައެވެ. އޭރު ފިލްމު ރިލީޒްކުރާނެ ތާރީޚަކަށް ހަމަޖައްސާފައިވަނީ މާރޗްމަހުގެ ތިންވަނަ ދުވަހެވެ.
ފިލްމު "ލާޕަތާ ލޭޑީސް"އަކީ، ވޭތުވެދިޔަ އަހަރުގެ މެދުތެރޭ ފިލްމުގެ ހުރިހާ ޝޫޓިންގް ޝެޑިއުލްތައް ނިންމި ފިލްމެކެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފިލްމު ރިލީޒްކުރުން ލަސްކޮށްފައިވަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް އެއްކޮށް ނިންމާނުލެވި އޮތުމުންނެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން އާމިރް ޚާންއާއި ކިރަން ރާއޯއަށް ފިލްމާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ ފާޑުކިޔުންތަކާއެއްގޮތަށް ފިލްމަށް ބަދަލުތަކެއް ގެންނަންވަނީ ހަމަޖައްސާފައެވެ. މިފިލްމުގައި ދައްކުވައިދޭނީ ކައިވެންޏަށް ތައްޔާރުވެފައިވާ ދެ އަންހެން ކުދިން ގެއްލުމާއެކު އެކުދިންގެ ދިރިއުޅުމުގައި ދިމާވާ ހެއްވާ މަޖާ ޙާދިސާތަކެކެވެ. މިފިލްމުގެ ބޮޑު ބައި މުމްބާއިގެ ސެންޓްރަލް ރޭލް ވެއިގައި ޝޫޓްކޮށްފައިވާއިރު މިއީ މިރޭލް ވެއި ހިމެނޭ ސަރަޙައްދުގައި ފިލްމެއް ޝޫޓްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
ފިލްމު "ލާޕަތާ ލޭޑީސް"ގެ އިތުރުން ކަރަންއާއި އާމިރް ޚާން އެކީގައި މަސައްކަތްކުރި ކާމިޔާބު ފިލްމުތަކުގެތެރޭގައި، 2001ވަނަ އަހަރު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ލަގާން" ހިމެނެއެވެ. ފިލްމު "ލަގާން"ގައި ކިރަން ރާއޯ އޭރު މަސައްކަތްކުރީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. އޭގެފަހުން ކިރަންވަނީ އެކްޓަރު އާމިރް ޚާންއާއި ކައިވެނިކޮށްފައެވެ. ދެމީހުންގެ 15 އަހަރުވީ ކައިވެނި ރޫޅާލިކަން އިޢުލާނުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އާމިރްއާއި ކިރަން ވަކިވިއިރު ސަރޮގޭސީ މެދުވެރިކޮށް ފިރިހެން ކުއްޖަކު ދެމީހުންގެ އެބަހުއްޓެވެ.