27 Feb 2023, 09:55
މިމަހުގެ 10ވަނަ ދުވަހު ރިލީޒްވި އެކްޓަރު ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީސް "ފަރްޒީ"ގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ސީރީސްގެ ޑައިރެކްޓަރުންކަމަށްވާ ރާޖް އާއި ޑީކޭ މިވަގުތު މަސައްކަތް ފަށާފައިވާ "ސިޓަޑެލް އިންޑިއާ" އަދި "ދަ ފެމިލީ މޭން3"ގެ މަސައްކަތް ނިމުނުހާ އަވަހަކަށް "ފަރްޒީ"ގެ ދެވަނަ ބައިގެ މަސައްކަތް ފެށޭނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާ ނޫހުގައި ބުނެފައިވަނީ، "ފަރްޒީ"ގެ ދެވަނަ ސީޒަންގެ ވާހަކަ ގެނެސްދޭނެގޮތްވެސް ރާޖްއާއި ޑީ.ކޭ މިހާރު ރާވާފައިވާކަމުގައެވެ. އަދި ވަރަށް އަވަހަށް ދެވަނަ ސީޒަންގެ ސްކްރިޕްޓް ނިންމުމުގެ މަސައްކަތް ދެ ފަރާތުންކުރާނެކަމުގައެވެ. ފުރަތަމަ ސީޒަންގެ ވާހަކަ ނިންމާލި ހިސާބުން ދެވަނަ ސީޒަންގެ ވާހަކަ ގެނެސްދިނުމަށް ނިންމާފައިވާއިރު "ފަރްޒީ" އަންނަނީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންނެވެ. އެކްޓަރު ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީސްއަށް "ފަރްޒީ"ވާއިރު މިއީ ސައުތް ސިނަމާގެ އެކްޓަރު ވިޖޭ ސެތުޕާތީގެވެސް ފުރަތަމަ ވެބް ސީރީސްއެވެ. ބްލެކް ކޮމެޑީ ކްރައިމް ތްރިލާއެއްކަމަށްވާ މިސީރީސް 240އަށްވުރެ ގިނަ ޤައުމުތަކުގައި ސްޓްރީމްކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
އެމޭޒަން ޕްރައިމްގައި ޕްރިމިއާކޮށްފައިވާ މިވެބް ސީރީސްއަކީ، ރާޖް އާއި ޑީ.ކޭގެ ކެރިއަރަށް އިތުރުވި ކާމީޔާބު ސީރީސްތަކުގެ އިތުރު ސިލްސިލާއެކެވެ. "ފަރްޒީ"އަކީ، މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޖާޒީ"އަށްފަހު ޝާހިދު ކަޕޫރު ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ޕްރޮޖެކްޓްވެސްމެއެވެ. ޝާހިދު ކަޕޫރު މިވަގުތު ދެ ފިލްމެއްގައި މަސައްކަތްކުރަމުންދާއިރު އޭގެތެރެއިން އެއް ފިލްމަކީ، ޝޫޓިންގް ނިމިފައިވާ ފިލްމު "ބްލަޑީ ޑެޑީ"އެވެ. މީގެއިތުރުން އެކްޓަރު މަސައްކަތްކުރަމުންދަނީ ވަކި ނަމެއް ހަމަޖެހިފައިނުވާ ލޯބީގެ ކޮމެޑީ ފިލްމެއްގައެވެ.