ރާއްޖޭގައި މިހާރު ކުޅޭ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން މެލޭޝިއާގެ އަންހެން ވޮލީ ޓީމު ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ޔޫތު ސެންޓަރުގައި ކުޅުނު އެ މެޗު ރާއްޖޭގެ އަންހެން ޓީމުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު ވެސް ކާމިޔާބުކޮށްފައިވަނީ ރާއްޖޭންނެވެ. އެ ސެޓު 25-23 ގެ ނަތީޖާއަކުން ކާމިޔާބުކުރި ނަމަވެސް މެލޭޝިއާގެ ކުޅުން ރަނގަޅުކޮށް ވަނީ މެޗުގެ ދެވަނަ ސެޓު ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ސެޓު މެލޭޝިއާއިން ގެންދިޔައީ 25-17 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ރާއްޖެއަށް ހެދުނު ގޯސްތައް ރނގަޅުކޮށް ޖެހިގެންއައި ތިންވަނަ ސެޓު ވަނީ 25-23 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލުން މެޗުގެ ލީޑުނަގައިފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގެ ހަތަރު ވަނަ ސެޓު މެލޭޝިއާއިން ކާމިޔާބުކުރުމާއެކު މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. އެ ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-21 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ނަތީޖާނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ރާއްޖޭން ވަނީ 15-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ރާއްޖޭން މެޗު ކާމިޔާބުކޮށް އުފާ ފާޅުކުރަނީ --- ފޮޓޯ/ ސިޑިބަރި

ފައިނަލުގައި ރާއްޖޭން މާދަމާ ހަވީރު ބައްދަލުކުރާނީ ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 20:15 ގައެވެ.

ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ވަނީ މެލޭޝިއާއާ ދެކޮޅަށް ކުޅެފައެވެ. ނަމަވެސް ފަސް ސެޓު ކުޅެގެން އެ މެޗުގައި ކުރި ހޯދީ މެލޭޝިއާއިންނެވެ.

ފޯ ނޭޝަންސް ކަޕްއަކީ ރާއްޖެއިން ދައުވަތު ދީގެން، ބައިނަލްއަގުވާމީ ޓީމުތައް ބައިވެރިވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވާދަކުރަނީ މެލޭޝިއާއާއި ސިންގަޕޫރުގެ އިތުރުން އަފްޣާނިސްތާނެވެ.