މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗްއިން ބުނިގޮތުގައި އޭނާ މަރުވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 6:45 ގައި ކަމަށެވެ. މަރުވެފައި މި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

އެ ހާދިސާ ހިނގީ އެ ރޭ 21:30 ހާއިރެވެ. އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ.

ކްރާސާ ނަމަކަށް ކިޔާ އެ ފިހާރަށް އެ ޒުވާނާ ވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. އޭނާ ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީ ކަމަށް "ސަން" އަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން 20 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މި މާރާމާރީގެ ކުރިން ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ނަމަކަށް ކިޔާ ފިހާރައަކަށް ވެސް މޫނު ނިވާކޮށްގެން ތިބި ދެ މީހަކުވަނީ ގެއްލުން ދީފައެވެ.

ސިލްސިލާ ގޮތެއްގައި މާލޭގައި ހިނގަމުން އަންނަ މާރާމާރީތަކާ ގުުޅިގެން ފާއިތުވި ދެ މަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކުރި ނަމަވެސް އަށް މީހަކު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

ދައުލަތުގެ މީޑިއާއަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ, މިހާރު މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ގުޅެނޭ ހަތަރު ގޭންގަކާ ކަމަށެވެ.