އަންނަ ޖޫން މަހު ޕޮލެންޑާއި ޔޫކްރޭނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އާސެނަލްގެ އިނިގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެޔާއަށް ބައިވެރިނުވެވޭނެކަމުގެ ޔަގީންކަން އެކުލަބުގެ ކޯޗު އާސެން ވެންގާ ދީފިއެވެ.

އުމުރުން ވިހި އަހަރުގެ ވިލްޝެޔާގެ ފަޔަށް ލިބުނު އަނިޔާއާއި ގުޅިގެން މިސީޒަނުގައި އާސެނަލްއާއި އެއްވެސް މެޗެއްގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. އެންމެ ފަހުން އާސެނަލްއާއެކު ވިލްޝެޔާ ކުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި އެމިރޭޓްސް ކަޕުގައެވެ.

ވިލްޝެޔާގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން އެކަމުން ސަލާމަތްވުމަށް މިދިޔަ ސެޕްޓެމްބަރުމަހު އޭނާވަނީ ސާޖަރީއެއްވެސް ހަދާފައެވެ. ސާޖަރީއަށްފަހު އަނިޔާ ރަނގަޅުވަމުން ނުދާތީ އޭނާއަށް ވަނީ އާސެނަލްއާއެކު ފަރުތަކުރުންތަކުގައި ބައިވެރިވެވޭގޮތް ނުވެފައެވެ. ނަމަވެސް ވިލްޝެޔާގެ އަނިޔާ މިހާރު މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށް އާސެނަލްގެ ކޯޗު ވެންގާ ބުނެއެވެ.

"މިސީޒަނުގައި އޭނާއަށް މެޗެއްގައި ބައިވެރިއެއް ނުވެވޭނެ. އަދި ޔޫރޯގައިވެސް އޭނާއަކަށް ބައިވެރިއެއް ނުވެވޭނެ. އެއީ ހަމަ ޔަގީންކަމެއް. އޭނާއަށް އަދި މިއަދުވެސް އަދި އަންނަ ހަފްތާއަކުވެސް ފަރިތަކުރުމެއްގައި ބައިވެރިއެއް ނުވެވޭނެ. އޭނާގެ އަނިޔާ ރަނގަޅުވަމުން ދިޔަޔަސް، އެކަން ހިނގަމުންދަނީ ވަރަށް މަޑުމަޑުން." ކޯޗް ވެންގާ ބުންޏެވެ.

މިދިޔަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެ ވިލްޝެޔާވަނީ އިނިގިރޭސި ގައުމީ ޓީމަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެއަށްފަހު ވިލްޝެޔާއަކީ އާސެނަލް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބެމުންދާ ކުޅުންތެރިއެކެވެ.