ހިންދީ ސިނަމާގެ އެންމެ ތަޖުރިބާކާރު އަދި މަޤުބޫލު މޮޅެތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އެކްޓަރު ޝާހުރުކް ޚާނަށް ވަރަށްބޮޑަށް ތަޢުރީފުކޮށް ވާހަކަދައްކައިފިއެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއަކީ މީޑިއާއަށް އެހާ ރަޙްމަތްތެރި ފަރާތެއް ނޫނެވެ. ނަތީޖާއެއްގެގޮތުން ރާޖް ކުމާރުގެ އިންޓަވިއުއެއް މީޑިއާއިން އަތުލައިގަނެވޭނީވެސް މަދުފަހުރެއްގައެވެ. ދާދިފަހުން އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ރާޖް ކުމާރު މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ދުންކީ"އާއި ބެހޭގޮތުން މީޑީއާއަށްވަނީ މަޢުލޫމާތު ދީފައެވެ. މިއިންޓަވިއުގައި ރާޖް ކުމާރުވަނީ "ދުންކީ"ގެ ލީޑް އެކްޓަރު ޝާހްރުކް ޚާންއަށް ވަރަށްބޮޑަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައެވެ.

ރާޖް ކުމާރު ހިރާނީ ބުނީ ފިލްމު "ދުންކީ" ޝާހްރުކް ޚާނަށް ހުށަހެޅިއިރުވެސް ޝާހުރުކްއަކީ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ޑިސިޕްލިންގް ތަރިއެއްކަން އެނގޭކަމުގައެވެ. ފިލްމާއި ގުޅުންހުރި ބައެއް ސީންތަކަށް ތައްޔާރުވާ ރިހާސަލް ވީޑިއޯތައް ގޭގައިހުރެގެން ޕްރޮޑިއުސަރާ ޝާހު ޙިއްސާކޮށްފައިވާކަމަށް ރާޖް ކުމާރުވަނީ ބުނެފައެވެ. އަދި މިއީ ރާޖް ކުމާރު އެއްވެސް ވަރަކަށް އުއްމީދުކުރި ކަމެއް ނޫންކަމުގައި ޕްރޮޑިއުސަރުވަނީ ބުނެފައެވެ. ބައެއް ދުވަސް ދުވަހު ރާޖް ކުމާރު ސެޓަށް ދާއިރު ދެ ދުވަހުން ޝޫޓްކުރަން ނިންމާފައިވާ ސީންތައް ދެ ގަޑިއިރުތެރޭގައި އެކްޓަރު ފުރިހަމަކޮށް ނިންމާލާކަމަށް ޕްރޮޑިއުސަރުވަނީ ބުނެފައެވެ.

މީގެކުރިންވެސް އެނގިފައިވާގޮތުގައި ޝާހުއަކީ، ހެނދުނު ހެނދުނާ ސެޓުތަކަށް ދާން އެހާ ބޭނުންވާ ތަރިއެއް ނޫންނަމަވެސް "ދުންކީ"ގެ ހެނދުނުގެ ޝެޑިއުލްތައް ކުރިޔަށްދާއިރު ޝާހުވެސް ބައިވެރިވާތީ ހައިރާންވިކަމަށްވެސް ރާޖް ކުމާރުވަނީ ބުނެފައެވެ.

ޝާހްރުކް ޚާންގެ މިސިފަތަކުގެ ވާހަކަ ކުރިން އަޑު އިވިފައިވީނަމަވެސް އަމިއްލަ ސެޓުގައި އެކްޓަރު އުޅޭގޮތް ފެނުމުން މީގެކުރިން ޝާހުއާއެކު ފިލްމެއްގެ މަސައްކަތް ނުކުރެވި އޮތުމުން މިހާރު ދެރަވާކަމުގައި ކާމިޔާބު ޕްރޮޑިއުސަރުވަނީ ބުނެފައެވެ. ފިލްމު "ދުންކީ"އަކީ، މިއަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމެކެވެ. ޝާހުއާއެކު ފިލްމުގައި ފެނިގެންދާ ތަރިންގެތެރޭގައި އެކްޓަރު ބޮމަން އިރާނީ އަދި ބަތަލާ ތާޕްސީ ޕަންނޫ ހިމެނެއެވެ.