އޮފީސް އިމާރާތްތަކެއް އަޅަން ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ފަސް ބިމެއް ވިއްކާލަން އެޗްޑީސީން މިއަދު އިއުލާނު ކޮށްފިއެވެ.

އެޗްޑީސީން ވިއްކަން އިއުލާނު ކޮށްފައިވާ ފަސް ބިމަކީ ހަމައެކަނި ދިވެހި ވިޔަފާރިތަކަށް ވިއްކާ ބިންތަކެކެވެ. ވިއްކާލަ ބިންތަކުގެ ތެރޭގައި ހިމެނެނީ 6،124 އަކަފޫޓޫގެ ތިން ބިމާ 9،633 އަކަފޫޓުގެ ދެ ބިމެވެ.

އެޗްޑީސީން އާންމުކުރި ބީލަން ކަރުދާހުގައިވާ ގޮތުގައި ބިންތަކުގެ ބީލަން ފަށާ އަގަކީ 4،500 ރުފިޔާއެވެ. އަދި ކުދި ސައިޒުގެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީއަކީ 500،000ރ. އެވެ. ބޮޑު ބިންތަކުގެ ބިޑް ސެކިއުރިޓީއަކީ 1 މިލިއަން ރުފިޔާއެވެ.

އެޗްޑީސީން މި ބީލަން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ބިންތަކަށް ހުށަހަޅާ ބިޑު ސެކިއުރިޓީ ބެލުމަށް ފަހު، ޕްރޮޕޯސަލް ހުށަހަޅަން އެޗްޑީސީން ހުއްދަ ދިނުމުން ބޭނުންވާ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅޭނެއެވެ.

ބިޑު ލިބިފައިވާ ބިމަކަށް އިތުރު ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު 10 ދުވަސް ވަންދެން އެހެން ފަރާތްތަކަށް އޮންނާނެއެވެ. ހަމަ އެއާއެކު، އިތުރު ހުށަހެޅުމެއް ނުލިބިއްޖެ ނަމަ، އެ ބިމަކަށް ބިޑު ހުށަހެޅި ފަރާތަކަށް އެވޯޑް ސިޓީ ދޫކުރާނެއެވެ.

ދެވަނަ މަރުހަލާއަށް ދާނީ ބިމަކަށް އެއް ހުށަހެޅުމަށް ވުރެ ގިނަ ބިޑު ލިބިއްޖެ ހާލަތެއްގައެވެ. މި މަރުހަލާގައި ކުރިޔަށްދާނީ ހުޅުވާލައިގެން ބާއްވާ ބީލަމެކެވެ. އެވޯޑު ސިޓީ ދޫކުރަނީ ބީލަމުގައި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެވޯޑް ސިޓީ ދޫކުރާތާ ހަ ދުވަހުގެ ތެރޭގައި ބިމުގެ އަގު އެ ކޯޕަރޭޝަނަށް ދައްކައި ހަލާސްކުރަން ޖެހޭނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ ގިނަވެގެން ތިން އަހަރުގެ ތެރޭގައި އޮފީސް އިމާރާތް އެ ބިމުގައި އަޅައި ނިންމަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީ ބުންޏެވެ.

އެޗްޑީސީން މިހާރު ވެސް އަންނަނީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ގާތްގަނޑަކަށް 12،000 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކުރާ ފަސް ބުރީގެ މި "މިކްސްޑް އޮފީސް ބިލްޑިން" ތަރައްގީ ކުރަމުން ދަނީ ރެއިންބޯ ކޮންސްޓްރަކްޝަންއިންނެވެ.