ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސާބިތުވި މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމިން 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާގޮތުން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާއާ އެކު ޔާމީން ވަނީ ބީއެމްއެލްގެ އެކައުންޓަށް ޖަމާކޮށްފައެވެ.

ހަމައެހެންމެ އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ޖުމްލަ ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެއަށްފަހު ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އިތުރު ފައިސާއާ އެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރުނީ ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ ހަފުތާގައި ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.