ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ހަރުބީ ބޮޑުބެރު ގުރޫޕާއެކު ޕާޓްނާޝިޕް އެއްބަސް ވުމެއްގައި ސޮއި ކޮށްފި އެވެ.

ނޫސްވެރިންނާއެކު، މިއަދު މެންދުރު ކުރީގެ ވަގުތެއްގައި އެފްއޭއެމްގައި އޮތް މިރަސްމިއްޔާތުގައި ކުރެވުނު އެއްބަސްވުމުގައި ނިއުގެ ފަރާތުން ސޮއި ކުރީ އެކުލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ. އަދި ހަރުބީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއި ކުރީ އަހުމަދު ސިހާމު (ޕުޗް) އެވެ.

އެ އެއްބަސް ވުމުގައި ސޮއި ކުރުމަށްފަހު ޗެއާމަން ބަލަކް ވިދާޅުވީ، މިއެއްބަސް ވުމަކީ ކުރިއަށް އޮތް ދެ ސީޒަންގައި ހަރުބީ ބޮޑުބެރު ގްރޫޕާއެކު ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ. އަދި މިއެއްބަސް ވުމުގެ ދަށުން ނިއުރޭޑިއަންޓް ކުޅޭ ކޮންމެ މެޗަކަށް ހަރުބީގެ މިނިމަން ހަތަރު ބޮޑުބެރު ޖެހުންތެރިން ދަނޑަށް ވަދެ، ބޮޑު ބެރު ޖަހާނެ ކަމަށެވެ.

"މިސީޒަންގައި ހަރުބީގެ ބޮޑު ބެރު ޓީމުން މައިގަޑު ހައިވެންޓާއެކު ނިއުރޭޑިއަންޓާއެކު ބައިވެރިވާނެ. ނިއުއިން އަތޮޅުތަކަށް ކުރާ ދަތުރު ތަކުގައި ވެސް ހަރުބީން ބައިވެރިވާނެ. އަދި ނިއުން ބާއްވަން ނިންމާފައިވާ ވައިޓް ނައިޓް، ގޯލްޑް ނައިޓު ތަކުގައި ވެސް ހަރުބީ ބައިވެރިވާނެ" ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ، ހަރުބީއާއެކު ނިއުން އެއްބަސް ވުމަކަށް އާދެވުނު މަގްސަދަކީ ފުޓްބޯޅަ އިތުރަށް ފޯރިގަދަކޮށް، ޒަމާނާއެއްގޮތަށް ސަޕޯޓަރުންގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.