02 Aug 2010, 15:03
19:00
އެކަށީގެންވާ ފިނިހޫނު މިނެއްގައި ކަނޑުމަސް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރެވޭ ގޮތަށް "އެކްސްޕޯޓް ކާގޯ ވެއަރ ހައުސް" އެއް އައިލެންޑް އޭވިއޭޝަނުން ހުޅުވައިފި އެވެ.
މިކަމަށްޓަކައި މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެއާޕޯޓްސް ކޮމްޕެނީގެ ސިއީއޯ މުހައްމަދު އިބްރާހިމް ވިދާޅުވީ އެއާޕޯޓް ޚިދުމަތަކީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރައި ތަރައްގީވާން ޖެހޭނެ ޚިދުމަތެއް ކަމަށާއި އެގޮތުން މިއަދު ހުޅުވިގެންދިޔަ "އެކްސްޕޯޓް ކާގޯ ވެއަރ ހައުސް" އަކީ އެކަމުގެ ހެއްކެއް ކަމަށެވެ. މުހައްމަދު އިބްރާހިމް ވިދާޅުވީ އެ މައްސައްކަތަކީ މިދިޔަ އަހަރު ވެސް ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ލަސްވެގެން ދިޔައީ ކަމަށެވެ.
ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަސައްކަތާ ބެހޭ ގޮތުން މުހައްމަދު އިބްރާހިމް ވިދާޅުވީ "ކޯލްޑް ސްޓޯރޭޖެއްގައި" މަސް ތާޒާކަންމަތީ ބަހައްޓައިގެން މަތިންދާ ބޯޓާ ހަމައަށް ގެންދިއުމަކީ އެ މަސައްކަތުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް މަހުމޫދު ރާޒީ ވިދާޅުވީ މަތިންދާބޯޓަށް އަރުވާ އެއްޗެއްސަކީ އަބަދުވެސް ސަލާމަތީ ގޮތުން ރައްކާތެރި އެއްޗެއްކަށް ހަދަން ޖެހޭ ކަމަށެވެ.