26 Feb 2023, 17:00
ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން މިހާތަނަށް ކޮށްފައިވަނީ އެންމެ ދައުވާއެއް ކަމަށާއި، އެގާނޫނަކީ ބޭނުމެއް ހިފޭ ގޮތަށް އޮތް ގާނޫނެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މާލެ ތެރޭގައި ހަރަކާތްތެރިވާ އެކި ގޭންގުތަކުގެ މެދުގައި ހިނގާ މާރާމާރީއާ ހަމަނުޖެހުމުގެ މައްސަލަތައް މިދުވަސްވަރު އަނެއްކާވެސް ފެންމަތިވެފައިވާއިރު، ޕީޖީ އޮފީހުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ، ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަކީ މުސްކުޅި ގާނޫނެއް ކަމުން، އެގާނޫނުގެ ބޭނުން އެންމެ ފަހި ގޮތުގައި ނުހިފޭ ކަމަށެވެ.
ޕީޖީ ވިދާޅުވީ ގާނޫނުގައި ކަމެއް ބަޔާންކުރާއިރު، އަމަލީ ގޮތުން އެކަން ކުރާނެ ގޮތް ވެސް ވިސްނަން ޖެހޭ ކަމުގައި ވީނަމަވެސް، އޭރު ގާނޫނު ލިޔެފައިވަނީ އެހުރިހާ ކަމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.
މީހަކު ރަޖިސްޓްރީއެއް ނުކުރާނެ ނޫންތޯ ގޭންގެއް، ތިމަންނާމެންނަކީ ގޭންގެކޭ ކިޔާފައެއް. ނުވަތަ ކުށްކުރާ ޖަމާއަތެކޭ. އެހެންވީމަ އެ އޮޕަރޭޓް ކުރާ ގޮތާ މި ކަންކަމަށް ވިސްނައިގެން ނޫން ގޮތަށް މިކަހަލަ ގާނޫނު ލިޔާތީ ނުކުންނަ މައްސަލަ މިހާރު މި ފެންނަނީ. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް. ސަރުކާރުންވެސް މިކަމަށް ސަމާލުކަން ދީ ސީރިއަސް މަސައްކަތްތަކެއް އެބަ ކުރޭ.ޕީޖީ ހުސެއިން ޝަމީމް
ޕީޖީ ވިދާޅުވީ އޭނާގެ ވިސްނުންފުޅަކީ ގާނޫނުލްއުގޫބާތުގެ ތެރެއަށް ހުރިހާ ކުށްތަކެއް ހިމަނައިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރެއްވުން ކަމަށާއި، ބަންޑާރަ ނައިބުގެ އޮފީހުން އެމަސައްކަތް ކުރަން ގަސްތުކުރާ ކަމަށެވެ.
މީގެ އިތުރުން، ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށް އެކަމަށް ހާއްސަ ރައީސުލްޖުމްހޫރިއްޔާގެ ޓާސްކުފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. ހަމައެހެންމެ، ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާ އޮޕަރޭޝަންތަކުގެ ސަބަބުންވެސް ވަރަށް ބޮޑަށް ގޭންގު ކުށްތައް މަދުވެއްޖެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
ގޭންގުތަކުގެ މެދުގައި ހިނގާ މާރާމާރީތައް ދޭތެރެއަކުން ފެންމަތިވެ، މާލެތެރެ ހަލަބޮލި ވެގެންދާއިރު، އެފަދަ މައްސަލައެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ ފިހާރައެއް ތެރޭ މީހަކަށް ވަޅިން ހަމަލާދީ ވަނީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައެވެ. މިހާރު މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ގުޅެނޭ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.